ކުރިއަށް އޮތް ދެ އަހަރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ބޮޑެތި ލުއިތަކެއް ދެއްވާނެ ދެ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތައް އޮޅުންފިލުއްވާފައިވާ ކަމަށެވެ. މި ބައްދަލުވުންތަކަށް ރިޢާޔަތްކޮށް، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކުރިއަށް އޮތް ދެ އަހަރަކީ ކުދި ވިޔަފާރިތަކަށް ޚާއްޞަ ލުއިތަކެއް ދޭނެ ދެ އަހަރުގެ ގޮތުގައި ރައީސް ވަނީ ކަނޑައަޅުއްވާފައެވެ.
ވިޔަފާރިތަކަށް ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި މީރާ، ކަސްޓަމްސް، ޕޯޓް އަދި އެއަރޕޯޓް ފަދަ މުއައްސަސާތަކާ ގުޅުންހުރި ކަންކަން ހިމެނޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. “މިސާލަކަށް މީރާ، ކަސްޓަމްސް، ޕޯޓް، އެއަރޕޯޓް، އަދިވެސް ވިޔަފާރިއާ ގުޅުންހުރި އެކިއެކި ފަރާތްތަކާ ވާހަކަ ދައްކައިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކުގެ އިތުރަށް ސަރުކާރުން އިސްވެ ކުރާ މަސައްކަތްތައްވެސް ހިމެނޭ،” ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ކުދި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އަންނަ އަހަރު 500 މިލިޔަން ރުފިޔާގެ ލޯނު ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ވޭތުވެދިޔަ ދެ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 595 ކުދި ވިޔަފާރިއަކަށް 349 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި އަންހެނުންނަށް ޚާއްޞަ ލޯނާއި، މަސްވެރިކަން، މެރިކަލްޗާ އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ.
މީގެ އިތުރުން، މާލީ ވުޒާރާއިން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އެކި ބިލްތަކަށް 13 ބިލިޔަން ރުފިޔާ ދައްކާފައިވާއިރު، އޭގެ ތެރެއިން 5 ބިލިޔަން ރުފިޔާއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދައްކާފައިވާ ފައިސާ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
ކުދި ވިޔަފާރިތަކަށް ޓީޓީ ހެދުމަށްޓަކައި ބީއެމްއެލް މެދުވެރިކޮށް ދޭ ޑޮލަރުގެ ސަޕޯޓްވެސް ވަނީ އިތުރުކޮށްފައެވެ. އެގޮތުން 2500 ޑޮލަރަށްވުރެ ދަށް ބިލުތަކަށް %50 އާ ހަމައަށް އަދި 2500 އާއި 5000 އާ ދެމެދުގެ ބިލުތަކަށް %30 އާ ހަމައަށް ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރެއެވެ. އަދި 5000 އަށްވުރެ މަތީގެ ބިލުތަކަށް %15 ޑޮލަރު ދޫކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޓެކުހާ ގުޅޭ ކަންކަމުގައި ލުއި ދިނުމުގެ ގޮތުން، ޓެކްސް ނުދައްކާ ހުރި ކުދި ވިޔަފާރިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށާއި، މީރާއިން މާލެ ސަރަޙައްދުގެ 2291 ކުދި ވިޔަފާރިއަކަށް ޒިޔާރަތްކޮށް މަޢޫލޫމާތު ފޯރުކޮށްދީފައިވާ ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

