ކ. މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ހާދިސާ ހިނގުމާއެކު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ވަނީ ހަރަކާތްތެރިވެ، އަލިފާންގަނޑު ނިއްވާލާފައެވެ.
މާފުށި ކައުންސިލްގެ ރައީސް ޙަސަން ޞަލާޙް މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނުއިރު ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. “ލޯންޗުގެ ބޭރުބައި ނޫން އެހެން ހުރިހާ ބައެއް ވަނީ އަނދައި ހުލިވެފައި،” ޞަލާޙް ވިދާޅުވިއެވެ.
އަލިފާން ރޯވި ލޯންޗަކީ މާފުށީގައި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތަކަށް ނިސްބަތްވާ އުޅަނދެކެވެ. އެމް.އެން.ޑީ.އެފުން ހާމަކުރި ގޮތުގައި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި މާފުށި ފަޔަރ ސްޓޭޝަނުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ މިއަދު ހެނދުނު 10:20 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ލޯންޗަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވެރިފަރާތަށް ބޮޑު މާލީ ގެއްލުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.
އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް ސާފުވެފައި ނުވާއިރު، އެމް.އެން.ޑީ.އެފުން ދަނީ މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

