މިވީ 10 މަސްދުވަހުގެ ތެރޭ، ސްކޭމްގެ 1663 މައްސަލަ ހުށަހަޅާފައިވާއިރު އެސްކޭމްތަކުން ގެއްލުނު 22.7 މިލިޔަން ރުފިޔާގެ ތެރެއިން 8.5 މިލިޔަން ރުފިޔާ ހޯދިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން މިކަން ހާމަކުރީ ސްކޭމް މައްސަލަތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސްކޭމް މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލޭ ފައިސާ އަނބުރާ ހޯދާ މިންވަރު 37 އިންސައްތައަށް ވަނީ އިތުރުކުރެވިފައެވެ. މިއަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރު ގާއިމްކުރި ފަހުން މިވީ 10 މަސްދުވަހުގެ ތެރޭގައި ޖުމްލަ 1663 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގައި ޖުމްލަ 22.7 މިލިޔަން ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން 8.5 މިލިޔަން ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއީ ގެއްލުނު ފައިސާގެ 37 އިންސައްތައެވެ.
މި މަސައްކަތުގެ ތެރެއިން 539 މައްސަލައެއްގައި ގެއްލުނު ހުރިހާ ފައިސާއެއް ހޯދާފައިވާއިރު، 143 މައްސަލައެއްގައި ގެއްލުނު ފައިސާގެ އެއްބައި ވަނީ ހޯދިފައެވެ. ފުލުހުން ފާހަގަކުރެއްވި ގޮތުގައި، އެންޓި ސްކޭމް ސެންޓަރުގެ ޚިދުމަތް ފެށުމުގެ ކުރިން ގެއްލޭ ފައިސާގެ ތެރެއިން އަނބުރާ ހޯދެނީ އެންމެ 2 އިންސައްތައެވެ. އަދި މިހާތަނަށް 6 މައްސަލައަކަށް ދަޢުވާކޮށް، 662 މައްސަލައެއް ވަނީ ޙައްލު ހޯދައިދީ ބަންދުކޮށްފައެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ އާދަމް ނަވީދު ވިދާޅުވީ، ރާއްޖެއިން ފައިސާ އަނބުރާ ހޯދި މިންވަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއް ކަމަށެވެ. "މިއީ މިހާރުގެ ދުނިޔޭގައި ކުރިއަރާފައިވާ ހުރި 12 ޤައުމެއްގެ އެންޓި ސްކޭމް ސެންޓަރުގެ ނަތީޖާތަކާއި އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެއް. އަޅުގަނޑުމެންގެ ނަތީޖާއާއި ކިރިޔާވެސް ގާތްކުރާ ޤައުމަކަށް އޮތީ ސިންގަޕޫރު. އެ ޤައުމުގައި 1 ބިލިޔަން ޑޮލަރު ސްކޭމަރުން ފޭރިގެންފި. އެބޭފުޅުންގެ މަސައްކަތުން ރިކަވަރ ކުރެވުނީ، 22 އިންސައްތަ،" ނަވީދު ވިދާޅުވިއެވެ.
ރާއްޖޭގެ ފުލުހުން މިހާރު ވަނީ ސިންގަޕޫރުގެ އިސްނެގުމަށް ކުރިއަށްގެންދާ "ފްރޮންޓިއަރ ޕްލަސް" އޮޕަރޭޝަންގައި ބައިވެރިވެ، ދުނިޔޭގެ 12 ޤައުމެއްގެ އެންޓި ސްކޭމް ސެންޓަރުތަކާ ގުޅިފައެވެ. މި ގުޅުމުގެ ސަބަބުން ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގާ ސްކޭމްތައް ހުއްޓުވުމަށް ބޮޑު އެހީތެރިކަމެއް ލިބޭކަން ފުލުހުން ފާހަގަކުރެއެވެ.މީގެ މިސާލެއްގެ ގޮތުން، ދާދިފަހުން ހިންގި 250,000 ޑޮލަރުގެ ސްކޭމް މައްސަލައެއްގައި ރާއްޖެއިން ބޭރުވި ފައިސާ، އެހެން ޤައުމުތަކުގެ ބޭންކިން ނިޒާމުގެ ތެރެއިން އަނބުރާ ގެނައުމުގެ މަސައްކަތް ކުރެވިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

