ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު ޝަމްޢާން ވަޙީދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ. ޝަމްޢާން ބަންދުން ދޫކޮށްލާފައި ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން (ޕީޖީ) މަޢުލޫމާތު ދެއްވި ގޮތުގައި، ޝަމްޢާންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް މިހާރު ވަނީ ނަގައި ނިމިފައެވެ. އެހެންކަމުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު މިހާރު ކުޑަވެފައިވާ ކަމަށް ދައުލަތަށް ފެންނާތީ، އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ވަނީ ކޯޓުގައި އެދިފައެވެ.
ދައުލަތުގެ މި ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ނިންމާފައިވަނީ ޝަރުތުތަކަކާއެކު ޝަމްޢާން ބަންދުން ދޫކޮށްލުމަށެވެ. މީގެ ތެރޭގައި އެންމެ މުހިންމު ޝަރުތެއްގެ ގޮތުގައި ހިމެނެނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމެވެ.
ޝަމްޢާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާތަކުގެ ޝަރީޢަތް ކޯޓުގައި ކުރިއަށްދާއިރު، މިއަދުގެ މި ނިންމުމާއެކު އޭނާ ބަންދުން މިނިވަންވާނެއެވެ. ނަމަވެސް ޝަރީޢަތުގެ މަރުހަލާ ނިމެންދެން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކަށް އޭނާ އަމަލުކުރަން ޖެހޭނެއެވެ.

