އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ކޮމްޕޯޒަރު އަދްނާން ސާމީ، ކްރިސްމަސް އާއި އާ އަހަރު ފާހަގަކުރުމަށް އޭނާގެ އާއިލާއާއެކު ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ. އަދްނާން ސާމީ މިފަހަރު ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ ކުޑަވިލިނގިލި ރިސޯޓުގައެވެ.
މި ދަތުރުގައި އަދްނާން ސާމީއާއެކު އޭނާގެ އަންހެނުން ރޯޔާ ސާމީ ޚާން އާއި ދަރިފުޅު މަދީނާ ސާމީ ޚާން ބައިވެރިވެއެވެ. ޑިސެމްބަރު 25، 2025 ގައި އޭނާ ސޯޝަލް މީޑިއާ ގައި ހިއްސާ ކުރި ފޮޓޯތަކާ އެކު، ރާއްޖެ އަކީ އޭނާގެ ގެއާ ދުރުގައި ގައުމުންބޭރުގައި އަމިއްލަވަންތަކަން އިހުސާސްކުރެވޭ އެންމެ ގަޔާވާ ތަނުގެ ގޮތުގައި ވަނީ ސިފަ ކޮށްފަ އެވެ.
ކުޑަވިލިނގިލި ރިސޯޓުން ލިބޭ މެހެމާން ދާރީއަށް އަދްނާން ސާމީ ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. ވަކިން ހާއްސަކޮށް އެ ރިސޯޓުން ލިބޭ އިންޑިއާ، ތައިލެންޑް އަދި ޕެރޫ ގެ ކާތަކެތީގެ ރަހަތަކާއި، ރިސޯޓުގެ މުވައްޒަފުންގެ ފަރާތުން ފެންނަ ގާތްކަމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
މިއީ އަދްނާން ސާމީ ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެއް ނޫނެވެ. 2022 ވަނަ އަހަރު އޭނާ ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ތެރެއިން އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލު ފެންނަ ފޮޓޯތަކެއް އާންމުވުމާއެކު، މުޅި ދުނިޔޭގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. އޭގެ ފަހުން އޭނާ އަންނަނީ ގަވާއިދުން ރާއްޖެއަށް ޒިޔާރަތްކުރަމުންނެވެ.
ރާއްޖޭގެ ހަމަހިމޭންކަމާއި އަމާންކަމަކީ އޭނާ ރާއްޖެއަށް ލޯބިޖެހުނު މައިގަނޑު ސަބަބު ކަމަށް އޭނާ ބުނެފައިވެއެވެ. މީގެ ކުރިން ކުޑަވިލިނގިލީގައި އޭނާ ހޭދަކުރި ޗުއްޓީއެއްގައި، އެ ރިސޯޓުގެ މުވައްޒަފުން ވަނީ އޭނާގެ މަޝްހޫރު ލަވަ “ތޭރާ ޗެހެރާ” އަށް ފްލެޝް މޮބް އެއް ހުށަހަޅައިދީ އޭނާއަށް ސަޕްރައިޒެއް ދީފައެވެ.

