ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، އެކަނިވެރިމައިންނަށް ދައުލަތުން ދެމުން އަންނަ އެލަވަންސް 3,000 ރުފިޔާއަށް ބޮޑުކޮށް، އެކަމާ ގުޅޭ އުސޫލު މިއަދު އާންމުކޮށްފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ވަނީ އެކަނިވެރި ދަރީން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދަށް އިސްލާޙު ގެނެސް، އެކަން އާންމުކޮށް އިއުލާނުކޮށްފައެވެ. މި ގެނެވުނު ބަދަލާއެކު އެކަނިވެރި ބެލެނިވެރިންނަށް ލިބޭ މާލީ އެހީގެ މިންވަރަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ.
އެލަވަންސް ދޭނެ އާ އުސޫލު
އާ ގަވާއިދުގެ ދަށުން ޝަރުތު ހަމަވެގެން އެހީ ހަމަޖެހޭ އެކަނި ދަރީން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް މާލީ އެހީގެ ގޮތުގައި މީލާދީ މަހެއްގެ ތެރޭގައި ހަތަރު ކުދީންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާ ލިބިދެވޭނެއެވެ. އަދި ހަތަރު ކުދީންނަށް ވުރެ އިތުރަށް ކުދީން ތިބިނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މާލީ އެހީގެ ގޮތުގައި މަހަކަށް ލިބޭނީ 1,000 ރުފިޔާއެވެ.
މި ގަވާއިދުގެ ދަށުން އެކަނި ދަރީން ބަލަހައްޓާ ފަރާތްތަކަށް މަހެއްގެ މައްޗަށް އެންމެ ގިނަވެގެން ލިބޭނީ 15,000 ރުފިޔާއެވެ. އަދި އަހަރެއްގެ ތެރޭގައި އެންމެ ގިނަވެގެން ލިބޭނީ 180,000 ރުފިޔާ ކަމަށްވެސް އެންސްޕާއިން ހާމަކުރެއެވެ.
މި އިސްލާޙު ކުރެވުނު ގަވާއިދަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިއީ އެކަނިވެރި ބެލެނިވެރިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
އެކަނިވެރިމައިންނަށް ދައުލަތުން ދެމުން އަންނަ އެލަވަންސް އަންނަ އަހަރުން ފެށިގެން ބޮޑުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުރަތަމަ އިއުލާނު ކުރެއްވީ، މިދިޔަ އޮކްޓޫބަރު މަހު ލ. ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

