ރައީސްގެ ވައުދުފުޅު ފުއްދަވައިި، ތ މަޑިފުށްޓަށް ފުލުހުންގެ އުޅަނދެއް ގެންގޮސްފި


މަޑިފުއްޓަކީ ފުލުހުންގެ މަރުކަޒެއް ގާއިމުކޮށް ޚިދުމަތް ދެމުން އަންނަ ރަށެއް ނަމަވެސް، އެ ރަށުގައި ފުލުހުން ބޭނުންކުރާނެ އެއްގަމު އުޅަނދެއް ނެތުމުގެ ސަބަބުން ގިނަ ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ވަކިން ހާއްސަކޮށް، މީހުން ހައްޔަރުކޮށްގެން ގެންދިއުމުގައާއި ކޯޓަށް ހާޒިރުކުރުމުގައި އާންމުންގެ ކުރިމަތީގައި ހިނގާފައި ގެންދަން ޖެހުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު މަޑިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުޢިއްޒު ވަނީ މި މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެމަނިކުފާނު އެދުވަހު ވިދާޅުވީ، “މިރަށަކީ ފުލުހުންގެ ޚިދުމަތްދޭ ފުލުހުންގެ މަރުކަޒެއް ހުރި ރަށެއް. މިކަމުގައި، މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ތަކުލީފުތައް ދިމާވާ ކަމެއް އެބައޮތް. ފުލުހުންގެ ވެހިކަލެއް މި ރަށުގައި ނެތުން. އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރީގައި، މި ރަށަށް ފުލުހުންގެ ވެހިކަލެއް ފޯރުކޮށްދޭނަން،” ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އުޅަނދު ލިބުމުން، އެ ރަށުގެ ރައްޔިތުން ވަނީ އެކަން ބަލައިގަނެ އުފާ ފާޅުކޮށްފައެވެ. ރަށުގެ ރައްޔިތަކު ބުނި ގޮތުގައި، ޕޮލިސް ސްޓޭޝަން ހުޅުވުނު ފަހުން މިކަން ހާސިލުކުރުމަށް ކުރީގެ ސަރުކާރުތަކުގައިވެސް މަސައްކަތް ކުރެވުނު ނަމަވެސް، މިއަދު މިވަނީ އެކަމަށް އެދެވޭ ހައްލެއް ލިބިފައެވެ.
މަޑިފުއްޓަށް ގެންގޮސްފައިވާ މި އުޅަނދަކީ ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ އުޅަނދުތަކުގައި އާންމުކޮށް ހުންނަ ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ގާއިމުކޮށްފައިވާ ކާރެކެވެ. މިއާއެކު އެ ރަށުގައި ފުލުހުންގެ އޮޕަރޭޝަންތައް ހިންގުމަށާއި ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.