ގދ. ފަރެސްމާތޮޑާގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއާއި، އެ އަތޮޅު ފިޔޯރީގެ މަގުހެދުމުގެ މަޝްރޫއު އަމަލީ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރުންނާ ސަރުކާރުން ހަވާލުކޮށްފިއެވެ.
ފަރެސްމާތޮޑާގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުالله މުއްޠަލިބް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.
ޖުމްލަ 142.6 މިލިއަން ރުފިޔާ އަށް ހަވާލުކުރި މި މަޝްރޫއުގެ ދަށުން ފަރެސްމާތޮޑާގެ 18 ހެކްޓަރުގެ ބިން ހިއްކުމާއި، 620 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް 270 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. 1800 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފަރެސްމާތޮޑާއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ރަށް ގިރުމުގެ މައްސަލައަށް މި މަޝްރޫއުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން، ގދ. ފިޔޯރީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. މި އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ. 71.2 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 730 ދުވަހުގެ ތެރޭގައެވެ.
މި ދެ މަޝްރޫއަކީވެސް ގދ. އަތޮޅުގެ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. މި މަޝްރޫއުތައް ނިމުމުން އެ ދެ ރަށުގެ ރައްޔިތުންނަށް އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

