ޅ. ނައިފަރުގައި އެމްޓީސީސީން ކުރިއަށްގެންދާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 29 އިންސައްތަ ނިމިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިއީ ނައިފަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ 29 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މަޝްރޫއަށް ބޭނުންވާ ގަލުގެ ފުރަތަމަ ބޯޓު މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. އެމްޓީސީސީން ވިދާޅުވި ގޮތުގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ވަރަކަށް، ސައިޓަށް ބޭނުންވާ ގާ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް މިހާރު ވަނީ ފެށިފައެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 2,297,510 ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ވަނީ ރޭވިފައެވެ. އަދި ހިއްކާ ބިން ހިމާޔަތް ކުރުމުގެ ގޮތުން 1,813 މީޓަރުގެ ގަލުން ހަދާ ރިވެޓްމަންޓާއި، 283 މީޓަރުގެ ބްރޭކްވޯޓާ، 520 މީޓަރުގެ ލޯ ކްރެސްޓެޑް ބްރޭކްވޯޓާގެ އިތުރުން 180 މީޓަރުގެ ގްރޮއިން ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ޅ. ނައިފަރުގެ އާބާދީ އިތުރުވެ، ބިމުގެ ދަތިކަން ދުވަހުން ދުވަހަށް ބޮޑުވަމުންދާ މި ދަނޑިވަޅުގައި، މި މަޝްރޫއަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހެޔޮ ބަދަލެކެވެ. މަޝްރޫއު ނިމުމުން ނައިފަރު ރައްޔިތުންނަށް ދިރިއުޅުމަށާއި ބޯހިޔާވަހިކަމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ރަށްރަށުގައި ކުރިއަށް ގެންދާ މިފަދަ ގިނަ މަޝްރޫއުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާއި ގާތުން ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

