ދިވެހީންގެ ޤައުމީ ޙަޔާތުން ފެންނަން އޮތް އެންމެ ރީތި އަދި އެންމެ އުންމީދީ އެއް ސިފައަކީ، ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ޙާލަތެއްގައިވެސް ދިވެހިން އިސްކުރާ އެއްބައިވަންތަކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތްތައް ގިނަގުނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިފަދަ ޙާލަތްތަކާ ގުޅިގެން އެއްރަށުން އަނެއްރަށަށް ދިރިއުޅުން ބަދަލުކުރި ޢާއިލާތަކަށް މެހުމާންދާރީ އަދާކޮށް ދިރިއުޅުން ފަހިކޮށްދިނުމުގައި އިޖްތިމާޢީ ބޮޑެތި ފައިދާތަކެއް އެކުލެވޭ ކަމަށެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ރޭވުމާއި، ކުއްލި ޙާލަތްތަކަށް އަބަދުމެ ތައްޔާރަށް ތިބުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެއްބައިވަންތަކަމަކީ ޤައުމެއް ކުރިއަރައި ދިޔުމުގެ ބިންގާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޤައުމުގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައި، އުފާވެރި މާހައުލެއް ބިނާކުރުމަށް ހުރިހާ ފަރުދުންގެ އެއްބައިވަންތަކަން ބޭނުންވާ ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިސްލާމީ ޢަޤީދާ މަގުދައްކަނީ ޤައުމީ ކޮންމެ ކަމެއްގައި އެންމެން އެއްބައިވުމަށާއި، އެކަކު އަނެކަކަށް އިޙްސާންތެރިވެ އަޅައިލުން އިސްކުރުމަށް ކަމަށެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކުރެއްވި ޕޯސްޓެއްގައި، ދިވެހީންނަކީ އުޚުއްވަތްތެރި، އޯގާތެރި، އަދި އެކަކު އަނެކަކަށް ވާގިވެރިވާ ބައެއްގެ ގޮތުގައި އަބަދުމެ ލެއްވުމަށް އެދި ދުޢާ ދަންނަވާފައިވެއެވެ.
2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް މިއަދު 21 އަހަރު ފުރިގެންދާއިރު، އެ ހިތާމަވެރި ހާދިސާގައި 82 ދިވެހިން ނިޔާވެ، 26 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ. އަދި 15،000 މީހުންގެ ގެދޮރު ގެއްލިފައިވާއިރު، އެދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުގައި ދިވެހިން ދައްކުވައިދިނީ ނަމޫނާ އެއްބައިވަންތަކަމެކެވެ.

