ހަމައެކަނި ދުންޔަވީ އެދުންތަކުގައި މަޝްޣޫލުވެ، ޣާފިލުކަމުގެ ތެރޭގައި ހޭދަކުރާ ޒުވާނުން އަހަރެމެންގެ ތެރޭގައި އިތުރުވަމުން ދިޔުމަކީ، ދެރަވެ ހިތާމަކުރާންޖެހޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވެ އެވެ. “އިސްލާމީ ޙަޟާރަތުގެ ރަންޒަމާން” މި މައުޟޫއަށް ދެވުނު ހުތުބާގައި، މާތް ﷲއަށް ތަޤްވާވެރިވުމަށް ވަސިއްޔަތް ކުރެއްވިއެވެ.
ހުތުބާގައި ވަނީ މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި، “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް ތަޤްވާވެރިވުން ޙައްޤު ވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ. އަދި މުސްލިމުންކަމުގައިވާ ޙާލުގައި މެނުވީ ތިޔަބައިމީހުން މަރުނުވާހުށިކަމެވެ!” މިފަދައިން ބަޔާންކުރައްވައިފައެވެ.
ހުތުބާގައި ވަނީ އިސްލާމީ ޙަޟާރަތުގެ ފެށުމާއި ކުރިއެރުމުގެ މައްޗަށް އަލިއަޅުވާލާފައެވެ. އިސްލާމީ ޙަޟާރަތު ފެށުނީ ކީރިތި ރަސޫލާ ﷺ އަށް ވަޙީބާވައިލައްވާން ފެށުނު ހިސާބުން ކަމަށާއި، އެއީ އިސްލާމީ ސަޤާފަތާއި އުސޫލުތަކާއި ހަމަތަކުގެމަތީގައި ތިބެ ރޫޙާނީ ގޮތުންނާއި، މާއްދީ ގޮތުން، ހޯދައިފައިވާ ކުރިއެރުންތަކެއް ކަމުގައި ހުތުބާގައި ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ދީނީ، އިޖުތިމާޢީ، ސިޔާސީ، ޢަސްކަރީ، އިޤުތިޞާދީ، ޢުމްރާނީ އަދި ޢިލްމާއި، ފަންނުވެރިކަމުގެ ގޮތުން މުސްލިމުން ހޯދައިފައިވާ ތަފާތު ކުރިއެރުންތައް ހިމެނެއެވެ.
އިސްލާމްދީނުގެ އަސާސްތަކުގެ މަތީގައި ކީރިތި ރަސޫލާ ﷺ އަޅުއްވައިދެއްވި ބިންގަލުގެ ސަބަބުން، އިސްލާމީ ޙަޟާރަތު ވަރަށް ވެސް ހަލުވި ދުވެއްޔެއްގައި ކުރިއަރައި ދިޔަ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި އިސްލާމީ ޙަޟާރަތުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އިސްލާމީ ޢަޤީދާއާއި، ޝަރުޢީ ޙުކުމްތަކާއި ރިވެތި އަޚްލާޤު ހިމެނެއެވެ. އާރާސްތުކުރުމާއި ޢިލްމު އުނގެނުމަކީ އެ މީހުންގެ ދީނާ ގުޅިފައިވާ ވާޖިބު ކަމެއްގެ ގޮތުގައި މުސްލިމުން ޤަބޫލުކުރި ކަމަށާއި، ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ: “ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްމެ ވާޖިބުވެގެންވާ ކަމެކެވެ.” މިކަމުގެ ނަތީޖާއެއްގެ ގޮތުން މުސްލިމުން އުމްރާނީ ގޮތުންނާއި ޢިލްމީ ގޮތުން ދުނިޔޭގައި އެއްވެސް ބަޔަކަށް ހޯދިފައިނުވާ އެތައް ކުރިއެރުންތަކެއް މަދު އަހަރުތަކެއްގެ ތެރޭގައި ހޯދިއެވެ.
އިސްލާމީ ޙަޟާރަތުގެ ރަންޒަމާނުގެ މިސާލެއްގެ ގޮތުން ހުތުބާގައި ވަނީ އަންދަލުސް (ސްޕެއިން) ގެ ޤުރްޠުބާގެ ވާހަކަ ބަޔާންކޮށްފައެވެ. މުސްލިމުން ވެރިކަންކުރަން ފެށި އިރު އެ ސަރަހައްދު ޔޫރަޕުގެ އެހެން ސަރަހައްދުތަކެކޭ އެއް ފަދައިން އިޖުތިމާޢީ، އިޤުތިޞާދީ، އަދި ޢިލްމީ ގޮތުން ދަށް ފެންވަރެއްގައި އޮތް ކަމަށެވެ. ނަމަވެސް މުސްލިމުންގެ ވެރިކަން ޤާއިމުވެ ހިޖުރައިން ތިންވަނަ ޤަރުނުގެ ފަހުކޮޅު މުޅި ދުނިޔޭގައި އެންމެ ކުރިއަރައިފައިވާ ސިޓީކަމުގައި ޤުރްޠުބާ ވިއެވެ. އެއިރު ރޭގަނޑުގެ ވަގުތުތަކުގައި އެ ރަށުގެ މަގުތައް ދިއްލައި އަލިކޮށްފައިވެއެވެ. މީސްތަކުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރެއާއި ދުވާލު ފޯރިމެރުމަށް ފުލުހުންގެ ފައުޖުތައް ރުކުރުވައިލެވިފައިވެއެވެ. ގޭބިސީތަކުގައި އުފެދޭ ކުނިތައް އަސްގާޑިއާ ބޭނުންކޮށް ރަށުތެރެއިން ނެރެ ނައްތައިލެވެއެވެ. ނަތީޖާއެއްގެ ގޮތުން ޔޫރަޕުގެ އެހެން ޤައުމުތަކުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީސްތަކުން އެ ތަނަށް ހިޖުރަކުރާން ފެށިއެވެ.
ހުތުބާގައި ވަނީ މި ކައުނުގައި މާތް ﷲ ލައްވައިފައިވާ ކަންކަމާއި ތަފާތު އެކި މަޚްލޫޤުންނާ މެދު ވިސްނައިފިކުރުކުރުމަށް ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި އެކަލާނގެ އަންގަވައިފައިވާ ކަން ފާހަގަކޮށްފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި، “ފަހެ، ޖަމަލު ހައްދަވައިފައި ވަނީ ކޮންފަދައަކުންކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ؟ އަދި އުޑު އުފުއްލަވައިފައި ވަނީ ކޮންފަދައަކުންކަމާ މެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟ އަދި ފަރުބަދަތައް ކޮޅަށް ނަންގަވައިފައި ވަނީ ކޮންފަދައަކުންކަމާ މެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެވެ؟ އަދި ބިން ފަތުރުއްވައިފައި ވަނީ ކޮންފަދައަކުންކަމާ މެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟” މިފަދައިން ހުތުބާގައި ބަޔާންކުރެއްވިއެވެ. މިފަދައިން މާތް ﷲ އަމުރުކުރެއްވުމާއި ޢިލްމު އުނގެނުމަށް އެންގެވި އެންގެވުންތަކުގެ ސަބަބުން، މުސްލިމުން ޢިލްމު އުނގެނުމަކީ ވާޖިބެއްކަމުގައި ދެކި ޢިލްމީ ތަފާތު ރޮނގުތަކުގައި ކުރިއަރައި ދިޔައީ ހަލުވިކަމާއެކުގައެވެ.
ހުތުބާގައި ވަނީ ބޭސްވެރިކަމުގެ ދާއިރާގައި މުސްލިމުންގެ ޚިދުމަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލާފައެވެ. މިޒަމާނުގެ ހޮސްޕިޓަލުތައް ފަދައިން ތަންތަން ބިނާކުރެވި ބަލިމީހުން ބައިތިއްބައިގެން ފަރުވާދޭން ފެށީ މުސްލިމުން ކަމަށާއި، ބޭސްވެރިކަމުގެ ޢިލްމު ކުރިއަރުވައި، ލޮލުގެ ބަލިތަކަށް ޚާއްޞަވެ ފަރުވާކުރާން ފެށީ ވެސް މުސްލިމު ޑޮކްޓަރުން ކަމުގައި ހުތުބާގައި ބުނެފައިވެ އެވެ. މިޒަމާނުގައި ސާޖަރީކުރާފަދައިން ސާޖަރީކުރާން ފެށީ ވެސް މުސްލިމުންނެވެ. ބޭސްވެރިކަމުގެ ދާއިރާގައި އެންމެ އަރައިހުންނެވި އެއް ޢިލްމުވެރިޔަކީ، މުޙައްމަދު ބްނު ޒަކަރިއްޔާ އައްރާޒީ ކަމަށާއި، އައްރާޒީގެ ޚިދުމަތްތަކުގެ ތެރޭގައި ބޭހުގެ ޞައްޙަ މިންގަނޑާއި ބަރުދަން ބެލުމަށް މީޒާނެއް ހެއްދެވިއެވެ. ހުތުބާގައި ވަނީ މި މީޒާނަކީ މިހާރު ވެސް ދުނިޔޭގެ ހުރިހައި ސައިންސުވެރީންގެ ކޮޓަރިތަކުގައި ވެސް ބޭނުންކުރެވޭ މީޒާނެއް ކަމަށް ހާމަކޮށްފައެވެ. އަދި ފާނަބަސަންދު ފަދަ ބަލިތަކާ ބެހޭ ގޮތުން ދިރާސާކުރައްވައި، އެ ބަލިޖެހޭ ސަބަބާއި އެއިން ރައްކާތެރިވާނޭ ގޮތާއި ބަލީގެ ފަރުވާ ހޯއްދެވި ކަމަށާއި މި މައުޟޫޢުގައި ފޮތެއް ލިޔުއްވައި ނެރުއްވީ ރާޒީ ކަމަށް ހުތުބާގައި ފާހަގަކުރެއްވިއެވެ. އެ ފޮތަކީ އެތައް ޒަމާނެއް ވަންދެން ޔޫރަޕުގެ ޔުނިވަރުސިޓީތަކުގައި ކިޔަވައިދެވުނު ފޮތެއް ކަމަށާއި، އެންމެ ފުރަތަމަ ދެވޭ އަވަސް ފަރުވާގެ އުސޫލު ކަނޑައެޅުއްވި ޢިލްމުވެރިއަކީ ވެސް ރާޒީ ކަމަށް ހުތުބާގައި ހާމަކުރެއްވިއެވެ.
ބޭސްވެރިކަމުގެ ދާއިރާގައި އިބްނު ސީނާއަކީ ވެސް ފުންނާބު އުސް ޢިލްމުވެރިއެއް ކަމަށާއި، ބޮޑެތި ބަލިތަކުން މީސްތަކުން ރައްކާތެރިކުރުމަށް އެކަހެރިކުރުން ނުވަތަ ކަރަންޓީނުކުރުމުގެ ޒަމާނީ އުސޫލުތައް އެކުލަވައިލެއްވީ އިބްނު ސީނާ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. ބޭސްވެރިކަމާ ބެހޭ ގޮތުން ލިޔުއްވި ފޮތް “އަލްޤާނޫނު” އަކީ ބޭސްވެރިކަމާ ގުޅޭ ގޮތުން މިޒަމާނުގެ ފޮތްތަކާ ދާދި އެއް ގޮތަށް ލިޔެފައިވާ ފޮތެކެވެ. މި ފޮތުގައި އޭނާ ވިދާޅުވެފައިވަނީ ބަލިފެތުރެނީ އިންސާނުންގެ ލޮލަށް ވެސް ނުފެންނަ ކުދިކުދި އެއްޗެހިތަކެއްގެ ޒަރިއްޔާއިން ކަމުގައެވެ. މިކަން މިޒަމާނުގައި ޓެލެސްކޯޕުގެ އެހީގައި ވަނީ ކަށަވަރުކުރެވިފައެވެ.
ހިސާބު ޢިލްމަށް ބަލާ އިރު، އަލްޚަވާރިޒްމީއަކީ މުޅިދުނިޔޭގައި ފާހަގަކޮށްލެވޭ ޢިލްމުވެރިއެއް ކަމަށް ހުތުބާގައި ވަނީ ހާމަކޮށްފައެވެ. ޖިއޮމެޓްރީގެ އިތުރަށް އަލްޖަބުރާ އުފަންކުރި ޢިލްމުވެރިއަކީ އަލްޚަވާރިޒްމީ ކަމަށާއި، ޢިލްމުލްހިސާބުގެ ނަމުގައި ޖިއޮމެޓްރީ ފޮތެއް ލިޔުއްވިއެވެ. އެ ފޮތަކީ ނުހަނު ފުރިހަމަ ފޮތެކެވެ. އަދި އަލްޖަބްރު ވަލްމުޤާބަލާގެ ނަމުގައި ލިޔުއްވި ފޮތަކީ އަލްޖަބުރާގެ ފެށުމެވެ. މި ފޮތުގައި ގެންނަވައިފައިވާ އުސޫލުތަކާއި ޤަވާއިދުތަކަކީ މިއަދު ވެސް އިސްކޫލުތަކާއި ޔުނިވަރުސިޓީތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރެވޭ ޤަވާއިދުތަކެއް ކަމަށް ހުތުބާގައި ހާމަކުރެއްވިއެވެ.
ހުތުބާގައި ވަނީ މިހާރު ތަރައްޤީގެ އެންމެ އުހުގައި ތިކަމަށް ބުނެވޭ ޔޫރަޕު، އޭރު އޮތީ ޖާހިލުކަމުގެ އަނދިރީގައި ކަމަށާއި، މާ ބޮޑު ތަޢުލީމެއް ނެތް ބަޔެއްގެ ގޮތުގައި ކަމަށް ބުނެފައެވެ. ސާދަވަނަ ޤަރުނާ ހަމަޔަށް ޔޫރަޕު މީހުން ހިސާބު ޖަހާން ބޭނުންކުރީ ރޯމަން އަކުރު ކަމަށާއި، އެ މީހުންނަށް މިހާރު މި ބޭނުންކުރާ ހިސާބު އަކުރުތައް އެނގުނީ ވެސް ނުވަވަނަ ޤަރުނުގެ ޢިލްމުވެރިޔާ އަލްޚަވާރިޒްމީގެ ފޮތް ފެނުމުން ކަމަށް ހުތުބާގައި ފާހަގަކުރެއްވިއެވެ.
މުސްލިމުން ތަފާތު ޢިލްމުތަކުގައި ކުރިއަރައި މެދުއުޑުގައި ފިޔަޖަހަމުންދިޔައީ، ކުރީން ބުނެވުނު އިސްލާމީ ސަޤާފަތުގެ މަތީގައި، އީމާންތެރިކަމާ އެކު ސާބިތުވެ ތިބެގެން ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އެބައިމީހުންގެ ދީނުގައި މާތް ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ގެންނަވައިފައިވާ ޙުކުމްފުޅުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވެގެން ކަމަށާއި، އިސްލާމީ އުންމަތް މި އަދު ވެއްޓިފައި މިވާ ފުންވަޅުގަނޑަށް ވެއްޓުނީ، މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، ޢިލްމާއި ދިރާސާކުރުން ދޫކޮށްލައި، ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުން ކަމަށް ހުތުބާގައި ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން މި ޙާލަތުން އަރައިގަތުމަށް އަހަރެމެންނަށް ވާޖިބުވަނީ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ﷺގެ ސުންނަތަށް އެނބުރި ރުޖޫޢަވެ، ޢިލްމު ހޯދުމުގައި ގަދައަޅައި މަސައްކަތްކުރުން ކަމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ.
ހުތުބާގައި ވަނީ ބަވަނަވަމުން އަންނަ ދުނިޔޭގައި މުސްލިމުންނާއި ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި ސަޤާފަތްތައް މަސްހުނިވަމުން އަންނަ އިރު، އެބައިމީހުންގެ ޢީދުތަކާއި، މުނާސަބާތަކުގައި މުސްލިމުން ބައިވެރިވެއުޅުމަކީ، ދުރުހެލިވާންޖެހޭ ކަމެއް ކަމަށް ފާހަގަކޮށްފައެވެ. އަދި، މުސްލިމުން ފާހަގަކުރާ ޢީދުތަކުގައި، އެބައިމީހުންގެ ސަޤާފަތްތަކާ ވައްތަރުވާ ގޮތަށް، ކަންކަން ކުރުމަކީ ކީރިތި ރަސޫލާ ﷺ މަނާކުރައްވައިފައިވާ ކަމެއް ކަމުގައި ހުތުބާގައި ބުނެފައިވެ އެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ: “ބަޔަކު މީހުންނާ ވައްތަރުވެގަތް މީހާ ވަނީ އެ ބަޔެއްގެ ތެރެއިންނެވެ.” އެހެންކަމުން މި ފަދަ ކަންކަމުން ދުރުހެލިވެ ޙަޤީޤީ މުސްލިމުންގެ ގޮތުގައި ޘާބިތުވެ ތިބުމަށް ހުރިހާ ފަރާތްތަކަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ.
މިއަދުގެ ހުތުބާ ނިންމާލީ މާތް ނަބިއްޔާ މުޙައްމަދު ﷺގެ މައްޗަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރުމަށް ހަނދާނަކޮށްދިނުމާއެކު ޞަލަވާތް ކިޔެވުމުންނެވެ.
ދުނިޔަވީ އެދުންތަކުގައި ޣާފިލުކަމުގެ ތެރޭގައި ހޭދަކުރާ ޒުވާނުން އިތުރުވަމުން ދިޔުމަކީ ހިތާމަވެރިކަމެއް: ހުތުބާ

