އައްޑޫ ސިޓީ މަރަދޫގައި އަލަށް އިމާރާތް ކުރި މަސްޖިދުއްރައްޔާން، މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި މިސްކިތް ހުޅުވީ، މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މި މިސްކިތް ހުޅުވައިދެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ. މިނިސްޓަރު ވަނީ މިސްކިތް ހުޅުއްވުމަށްފަހު ފުރަތަމަ ހުކުރު ނަމާދުގައި ބައިވެރިވެވަޑައިގެންފައެވެ.
މަސްޖިދުއްރައްޔާން އަކީ، 500 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ތަރައްޤީކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތް ބިނާކޮށްފައިވަނީ ދިވެހި ސަރުކާރުގެ ޚަރަދުގައެވެ. މަރަދޫގެ ރައްޔިތުންނަށް ދިގު މުއްދަތަކަށް ދިމާވެފައިވާ ނަމާދުކުރުމުގެ ދަތިކަމަށް މި މިސްކިތުން ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ސަރުކާރުން މީގެ ކުރިން ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމައި، ކައިރި އަންނަ ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށް ވިދާޅުވެފައެވެ. މި މަސްޖިދުއްރައްޔާން ހުޅުވުމަކީ، އެ ވިދާޅުވުމުގެ ތެރެއިން ހުޅުވުނު މިސްކިތެކެވެ.

