ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މިދިޔަ މަހު އަލުން ހުޅުވި ފަހުން، ފުރަތަމަ ފަހަރަށް ފަސިންޖަރުންނާއެކު ކޮމާޝަލް ޖެޓެއް މިއަދު އެ އެއާޕޯޓުގައި ޖައްސައިފިއެވެ. މިއަދު ހެނދުނު 09:40 އެހާއިރު ޖެއްސި މި ޖެޓަކީ ޕްރާގުން ފުރައިގެން ސީދާ ހަނިމާދޫއަށް އައި ޖެޓެކެވެ.
ހަނިމާދޫ އެއާޕޯޓުން މައުލޫ މާތު ދެއްވި ގޮތުގައި، މިއަދު ޖެއްސި ޖެޓަކީ ހައިޑަވޭ ބީޗް އެންޑް ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް އައި އަށް ފަތުރުވެރިން ގޮވައިގެން އައި ޖެޓެކެވެ. މީގެ ކުރިން ބައެއް ޖެޓުތައް ތެޔޮ އެޅުމަށް އެ އެއާޕޯޓަށް ޖެއްސި ނަމަވެސް، މިއީ އާ ރަންވޭއާއެކު އެއާޕޯޓު ހުޅުވި ފަހުން ފަސިންޖަރުންނާއެކު ޖެއްސި ފުރަތަމަ ޖެޓެވެ. އާއަހަރާ ދިމާކޮށް އައި މި ޖެޓަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް އެއާޕޯޓުން ވަނީ ފޯރުކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 10 ވަނަ ދުވަހު ހުޅުވައިދެއްވި މި އެއާޕޯޓަކީ 15 ޖެޓަށް އެއްފަހަރާ ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ތަނެކެވެ. މީގެ އިތުރުން، އޭ320 އަދި ބޮއިންގް 737 މަރުކާގެ ބޮޑެތި ފްލައިޓްތަކަށް ހިދުމަތް ދެވޭނެ ފެންވަރަށް އެއާޕޯޓުގެ ވަސީލަތްތައް ވަނީ ގާއިމްކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން 2,465 މީޓަރުގެ ދިގު ރަންވޭއަކާއި، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރެއްގެ އިތުރުން މުޅިން އައު ކާގޯ ޓާމިނަލެއް ވަނީ ތަރައްގީކޮށްފައެވެ. ދިވެހިވަންތަކަން ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ 10,380 އަކަމީޓަރުގެ އައު ޓާމިނަލްގައި، އަތޮޅުތެރޭގެ އެއާޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ވަނީ ގާއިމްކޮށްފައެވެ.
އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން 136.6 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއަކީ އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ފެންވަރަށް ތަރައްގީކޮށްފައިވާ މަޝްރޫއެކެވެ. މި އެއާޕޯޓު ފުރިހަމައަށް އޮޕަރޭޝަނަށް އައުމާއެކު، އުތުރުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

