ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި އެ ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކަށް ފޮތް ކިޔުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ހާއްސަ “ރީޑިންގ ނުކް” އެއް މިއަދު ހުޅުވައިފިއެވެ. މި ތަން ގާއިމްކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކު ނުވަތަ ރުއްގަނޑު 3 ސަރަޙައްދުގައެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވި ގޮތުގައި، މިއީ ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކުން، އެ ސަރަހައްދުގެ ހިތްފަސޭހަ މާހައުލުގައި ތިބެގެން ފޮތް ކިޔޭނެ މަގުފަހިކުރުމަށް ގާއިމްކުރި ތަނެކެވެ. މި ނުކްގައި ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށްވެސް އެކަށީގެންވާ، ދިވެހި އަދި އިނގިރޭސި ބަހުން ލިޔެފައިވާ ތަފާތު ފޮތްތައް ލިބެން ހުންނާނެއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި މި ތަނުން 1 އަހަރާއި 6 އަހަރާ ދެމެދުގެ ކުދިންނަށާއި، 6 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ ފޮތްތަކުގެ އިތުރުން ޓީން ފިކްޝަން ފޮތްތައް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ދިވެހި ބަސް އުނގެނުމަށް ހާއްސަ ފޮތްތަކާއި، ކެއްކުމާއި، ލައިފްސްޓައިލް އަދި ދީނީ މައުލޫމާތު ހިމެނޭ ފޮތްތައްވެސް މި ނުކްގައި ވަނީ ހިމަނާފައެވެ.
ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކުން ފޮތް ކިޔަން ބޭނުންނަމަ ނުކް އިން ފޮތް ނެގުމަށްފަހު، އެ ޕާކު ސަރަހައްދުގެ ކޮންމެ ހިސާބެއްގައިވެސް ފޮތް ކިޔަން ތިބެވޭނެއެވެ. ނަމަވެސް އެޗްޑީސީން އިލްތިމާސްކުރައްވަނީ “އެ ސަރަހައްދުން ދިޔުމުގެ ކުރިން ފޮތް އަނބުރާ ރައްދުކުރުމަށެވެ.”
މި ރީޑިންގ ނުކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:30 އިން ރޭގަނޑު 08:00 އަށެވެ. މިއީ ފޮތް ކިޔުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި، ހުޅުމާލޭގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކޮށް، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް އެޗްޑީސީން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއެއްކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

