ދިވެހި ތެރަޕިސްޓުން ތަމްރީންކުރުމުގެ ޚާއްޞަ ޤައުމީ މަޝްރޫޢެއް ފެށްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި މަޝްރޫޢަކީ ރާއްޖޭގައި ތެރަޕީގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށް ސަރުކާރުން ފައްޓަވާ މުހިންމު މަސައްކަތެކެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ޖުމްލަ 250 ދިވެހި ތެރަޕިސްޓުން ތަމްރީން ކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ ތެރޭގައެވެ.
ތަމްރީން ކުރެވޭނެ ދާއިރާތައް
މި މަޝްރޫޢުގެ ދަށުން ތަފާތު ހަތަރު ދާއިރާއަކުން މީހުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ސްޕީޗް ތެރަޕިސްޓުން
- އޮކިއުޕޭޝަނަލް ތެރަޕިސްޓުން
- ބިހޭވިއަ ތެރަޕިސްޓުން
- ސައިކޯ ތެރަޕިސްޓުން
ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ޚާއްޞަކޮށް ހެދިބޮޑުވުމުގައި މައްސަލަތައް ހުންނަ ކުދިންނަށް ސްޕީޗް ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީއަކީ ނުހަނު ބޭނުންތެރި ފަރުވާތަކެކެވެ. ނަމަވެސް، ރާއްޖޭގެ ރަށްރަށުގައި މިފަދަ ޚިދުމަތްތައް ލިބުމުގައި އިންސާނީ ވަސީލަތްތަކުގެ ދަތިކަން ބޮޑުވެފައިވާތީ، ސަރުކާރުގެ އަމާޒަކީ މި ޚިދުމަތްތައް އަތޮޅުތެރެއަށް ފުޅާކުރުމެވެ. މިވީ ދެ އަހަރުގެ ތެރޭގައިވެސް އެކި އަތޮޅުތަކުގައި މިފަދަ ޚިދުމަތްތައް ފަށާފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް 12.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ ތެރޭގައި 18 އަހަރުން ދަށުގެ 342 ކުއްޖަކަށާއި، 18 އަހަރާއި 64 އަހަރާ ދެމެދުގެ 17 މީހަކަށް ތެރަޕިއުޓިކް ފަރުވާ ދިނުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ބިހޭވިއާ ތެރަޕީއަށެވެ. އެއީ ގާތްގަނޑަކަށް 3.5 މިލިޔަން ރުފިޔާއެވެ.

