ޤަވާއިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ފަށާފައިވާ ޚާއްސަ މަސައްކަތުގެ ދަށުން މިހާތަނަށް 66 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި މަސައްކަތަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތައް ބަލާ ފާސްކޮށް ފިޔަވަޅު އެޅުމަށް މިދިޔަ މަހު އެކުލަވާލި ޚާއްސަ ޓާސްކްފޯހަކުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
ޕީއެސްއެމް ނިއުސްގެ “ރާއްޖެމިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް އަޙްމަދު ވިދާޅުވީ، މިހާތަނަށް 307 ޝަކުވާއެއް ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން 153 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. ބަންދުކުރި 66 ތަނުގެ ތެރެއިން 46 ވިޔަފާރިއެއް ބަންދުކުރީ އިޤްތިޞާދީ ވުޒާރާގެ ޤާނޫނުތަކާ ޚިލާފުވެގެން ކަމަށާއި، ބާކީ 20 ތަނަކީ އެހެނިހެން ޤާނޫނުތަކާ ޚިލާފުވެގެން ބަންދުކުރި ތަންތަން ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ، ބަންދުކުރި ތަންތަނުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުން 22 ވިޔަފާރިއަކަށް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. “ވިޔަފާރިތައް އަލުން ހުޅުވަން ހުއްދަ ދެނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމުން. އެޗްޕީއޭއާއި އެމްއެފްޑީއޭއިން ތަންފީޒްކުރަމުންދާ ޤާނޫނުތަކާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމުން. އެއްވެސް ޖޫރިމަނާއެއް ކުރެވިފައިވާނަ އެ ފައިސާ ދެއްކުމުން،” ޠާރިޤް ވިދާޅުވިއެވެ.
“ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް” އިން ކުރިއަށްގެންދާ މި އިންސްޕެކްޝަންތަކުގައި މައިގަނޑު ގޮތެއްގައި ބަލަނީ ވިޔަފާރި ރަޖިސްޓްރީ ނުކޮށް ހިންގުމާއި، ހުއްދަ ދީފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކުގައި ވިޔަފާރި ކުރުމެވެ. މީގެ އިތުރުން ސިއްޙީ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް އެޗްޕީއޭ އަދި އެމްއެފްޑީއޭގެ ޤަވާއިދުތަކަށްވެސް ފާރަވެރިވެއެވެ.
ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ 30 އަށްވުރެ ގިނަ ދާއިރާ އިޤްތިޞާދީ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ބައެއް ދިވެހިން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ބިދޭސީން ވިޔަފާރި ހިންގާކަން ފާހަގަކުރެވޭ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މިފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

