މިއަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު ފެށިގެން ކުރިއަށް އެބަދެއެވެ. މި ޕްރައިމަރީގައި ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.
ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި މި ޕްރައިމަރީގައި ޖުމްލަ 297 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް މެންބަރުންނަށް ވާދަކުރާ 82 ކެންޑިޑޭޓުންނާއި، ކައުންސިލްތަކުގެ އަންހެނުންނަށް ޚާއްސަ ގޮނޑިތަކަށް ވާދަކުރާ 48 ކެންޑިޑޭޓުންނާއި، ކައުންސިލްތަކުގެ ރައީސުންނަށް ވާދަކުރާ 47 ކެންޑިޑޭޓުންނެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނަށް ވާދަކުރާ 19 ކެންޑިޑޭޓުންނާއި، އެ ކޮމިޓީގެ މެންބަރުންނަށް ވާދަކުރާ 98 ކެންޑިޑޭޓުންވެސް މި ޕްރައިމަރީގައި ވާދަކުރެއެވެ.
ސިޓީ ކައުންސިލްތަކުގެ ތެރެއިން ޕީއެންސީން ޕްރައިމަރީ ބާއްވަނީ ހަމައެކަނި އައްޑޫ ސިޓީގެ މޭޔަރު ކަމުގެ މަޤާމަށެވެ. އެ މަޤާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް ދެ ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ. ޕީއެންސީން ބުނެފައިވަނީ ޓިކެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު ޕްރައިމަރީއަކާ ނުލައި މިހާރުވެސް ހޮވިފައިވާ ކަމަށެވެ. އެ ފަރާތްތަކަށް ޓިކެޓް ކަށަވަރުވެފައިވާކަން ޕާޓީގެ ޕޯޓަލް މެދުވެރިކޮށް މިހާރު ފެންނަން ހުންނާނެއެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ވޯޓުލުމަށް ހަމަޖެހިފައިވަނީ އިސްކަންދަރު ސްކޫލުގައެވެ. އަދި އަތޮޅުތަކުގައި ވޯޓުލުން ކުރިއަށްދާނީ އެކަމަށްޓަކައި ޚާއްސަކޮށްފައިވާ މަރުކަޒުތަކުގައެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ.

