ހުޅުމާލެ ތިންވަނަ ފިޔަވަހީގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 47 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. މިއީ މި މަޝްރޫޢުގެ ދަށުން ހިއްކުމަށް ކަނޑައަޅާފައިވާ 63 ހެކްޓަރުގެ ބިމުގެ 74.6 އިންސައްތައެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެކި ސަބަބުތަކާ ހުރެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު، މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ މި މަސައްކަތް އަލުން ބާރުސްޕީޑުގައި ކުރިއަށްގެންދަން ފަށާފައެވެ.
މި މަޝްރޫޢު އަވަސްކުރުމަށްޓަކައި ސަރުކާރުން ވަނީ 22,000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގުމުގެ ގާބިލުކަން ހުރި ބޮޑު ދެ ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. މީގެ ތެރެއިން ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރު ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ނޮވެމްބަރު 28 ގައެވެ. އެމްއޭސީއެލުން މައުލޫމާތުދޭ ގޮތުގައި، އަމާޒަކީ ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުމެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން، މިހާރު ބޭނުންކުރާ ބޮޑެތި ޑްރެޖަރުތައް ދެން ބޭނުންކުރާނީ ގުޅިފަޅުގެ ބިން ހިއްކުމުގެ މަސައްކަތަށެވެ. މިއީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ބައެކެވެ.
ބިން ހިއްކުމުގެ މަސައްކަތް ނިމެމުންދާއިރު، "ބިންވެރިޔާ" ސްކީމުގެ ދަށުން މި ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ކަނޑައެޅުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން 7 ސައިޒެއްގެ ޖުމްލަ 698 ގޯތީގެ ގުރުއަތުލުން މިހާރު ވަނީ ނިންމާލާފައެވެ.
މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، ހުޅުމާލޭގެ އިތުރުން ރަސްމާލެ، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ގުޅިފަޅު ހިއްކުމުގެ ބޮޑެތި މަޝްރޫޢުތަކެއް ސަރުކާރުން ވަނީ ތާވަލުކޮށްފައެވެ.

