ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޕެސެންޖަރ ޓަރމިނަލުން ހައިސްކައި އެއަރލައިނަށް ޚިދުމަތް ދޭން ރަސްމީކޮށް ފަށައިފިއެވެ. މިކަން ފާހަގަކުރުމުގެ ގޮތުން ވީއައިއޭ ޓަރމިނަލް 1 ގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ގްރޫޕުގެ ޖެނެރަލް މެނޭޖަރު އަލީ ޝާކިރެވެ. މީގެ އިތުރުން ވޮޔޭޖަސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒް މަންސޫރުއާއި، ހައިސްކައިގެ އޮފިޝަލުންގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ޓަރމިނަލް 1 އިން ހައިސްކައިއަށް ޚިދުމަތް ދޭން ފެށުމުގެ ގޮތުން، އެ ޓަރމިނަލަށް ކައިރިކުރި ހައިސްކައިގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި 222 ފަސިންޖަރުންނަށް ވަނީ ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
ހައިސްކައިއާއެކު ވީއައިއޭގެ ޓަރމިނަލް 1 އިން މިހާރު ޖުމްލަ 38 އެއަރލައިނަކަށް ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މިއީ އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކޮށް، ފަސިންޖަރުންނަށް ލިބޭ ލުއިފަސޭހަކަން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
އެމްއޭސީއެލުން ވިދާޅުވީ، ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

