ކޭ-ޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތައް މަކަރާއި ހީލަތުން އާންމުންނަށް ވިއްކައި، ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލައިގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 94 ދައުވާ ސާބިތުވާ ކަމަށް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އެކަކުގެ މައްޗަށް މިހާ ގިނަ އަދަދެއްގެ ދައުވާ ސާބިތުވި ފުރަތަމަ ފަހަރެވެ.
މި މައްސަލައާ ގުޅިގެން މަންޑޭގެ މުދާތައް ދައުލަތަށް ނެގުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އޭގެ ތެރޭގައި އެފް.ޑަބްލިއު ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސްގެ ނަންބަރު: 02-13 އެޕާޓްމަންޓާއި، އެ އެޕާޓްމަންޓާ ގުޅިފައިވާ ބޭސްމަންޓް ޕާކިންގް ސްލޮޓް ހިމެނެއެވެ. މި އެޕާޓްމަންޓަކީ 2597.58 އޭރިއާގެ ބޮޑު ތަނެކެވެ.
މަންޑޭގެ މައްޗަށް ސާބިތުވި 94 ދައުވާގެ ތެރޭގައި ހިމެނެނީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ، ޓެކުމުގެ 46 ދައުވާ، މަނީ ލޯންޑްރިންގެ 1 ދައުވާ އަދި ސައްހަ ނޫން ލިޔުމެއް ދިނުމުގެ 3 ދައުވާ އެވެ. ގާނޫނުގައި އޮންނަ ގޮތުން ފަސްލައްކަ ރުފިޔާއަށް ވުރެ މަތީގެ އަދަދެއްގެ ފައިސާ ޓެކުމުގެ އަދަބަކީ ތިން އަހަރަށް ޖަލަށްލުމެވެ. އެހެންކަމުން، މަންޑޭގެ މައްޗަށް 100 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.
ދައުވާތައް ސާބިތުވުމާ ގުޅިގެން މަންޑޭ ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިއަދުގެ އަޑުއެހުމަށް އޭނާ ހާޒިރުކުރީ ފުލުހުންގެ ބެލުމުގެ ދަށުން ބަންދުގައި ބަހައްޓައިގެންނެވެ. މި މައްސަލައިގައި މަންޑޭގެ މައްޗަށް އަދަބު ކަނޑައެޅުމަށް ބާއްވާ އަޑުއެހުން ތާވަލްކޮށްފައިވަނީ މި މަހުގެ 30 ވަނަ ދުވަހަށެވެ.

