ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ސަރުކާރުން ނިންމާފައިވާ މުހިންމު ކަންތައްތަކެއް އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުވުމަށް މި މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދާއިރާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ އިދާރީ ގޮތުން ހުރި ދަތިތަކާއި ވިޔަފާރި ފުޅާކުރުމަށް ހުރި ހުރަސްތައް ރައީސާ ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވީ، މި ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކޮށް، ބުދަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ގިނަ ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.
ސަރުކާރުގެ މެނިފެސްޓޯގައިވާ ކަންކަމާއި ވިޔަފާރިވެރިންގެ ހުށަހެޅުންތަކަށް ބިނާކޮށް، ކުރިއަށް އޮތް ދެ އަހަރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރާނެ ދެ އަހަރުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
“މިފިޔަވަޅުތައް ޖަނަވަރީ 1 އިން ފެށިގެން ތަންފީޒު ކުރަން ފަށާނެ،” ރައީސް ވިދާޅުވިއެވެ. އަދި މި ފިޔަވަޅުތަކުގެ ތަފްސީލްތައް ކަމާގުޅޭ އިދާރާތަކުން ހާމަކުރަމުންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ހުށަހެޅި ބައެއް ކަންކަމަށް ރައީސް ވަނީ ވަގުތުން ހައްލު ހޯއްދަވައިދެއްވާފައެވެ. އެގޮތުން ރާއްޖެ އެތެރެކުރާ މުދަލަށް ޑެމެރޭޖް ނާރާ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް އިތުރުކުރުމާއި، މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ އިންތިޒާމު ހަމަޖެއްސެވުން ހިމެނެއެވެ.
މި ބަދަލުތައް މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތަކުން މިހާރު ވަނީ ތަންފީޒުކުރަން ފަށާފައެވެ. މިއީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމަށްވާ ކުދި ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތަކެކެވެ.

