ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތްތައް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މި މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ ތިން ޑްރެޖަރެއް ބޭނުންކޮށްގެން، ތިން ކުންފުންޏަކަށް އެކި ސައިޓްތައް ބަހާލައިގެންނެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 1100 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 215 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ވަނީ ހިއްކާ ނިންމާފައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި 15,000 ގޯތި ދެވޭ މިންވަރަށް ބިން ހިއްކައި ނިންމުމަށެވެ.
ރަސްމާލެ އާބާދުކުރުމުގެ މަސައްކަތާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ބިން ހިއްކާ ނިމުމުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މުނިސިޕަލް އިންފްރާސްޓްރަކްޗަރާއި މަގު ހެދުމުގެ މަސައްކަތް ކަމަށެވެ. "ގުޅީފަޅު، ގިރާވަރުފަޅު، ހުޅުމާލެ ފޭސް 3 އަދި ރަސްމާލެވެސް އާބާދުކުރަން ބަލާއިރު އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ، މުނިސިޕަލް އިންފްރަސްރަކްޗަރ އަދި މަގު ހެދުމުގެ މަސައްކަތް. މިހާރު މިނިސްޓްރީ އޮފް ފައިނޭސްއިން އިއުލާންކޮށްފައި އެބައޮތް އެތަނުގެ މާސްޓަރ ޕްލޭންއެއް ހެދުމަށް ފަރާތްތަކެއް ހޯދުމަށްޓަކައި" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރަސްމާލޭގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް މިހާރުވެސް އެމްއޯޔޫތަކުގައި ސޮއިކޮށްފައިވާ ކަމަށާއި، ނަމަވެސް އަމަލީ މަސައްކަތް ފެށޭނީ މާސްޓަރ ޕްލޭން އެއްކޮށް ނިމުމުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ބިން ހިއްކާ ނިމުމާއެކު، ސަރުކާރުގެ އައު ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެއެވެ.
2023 ވަނަ އަހަރު ފެށި މި މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. އިކޯސިޓީއެއްގެ ގޮތުގައި ތަރައްޤީކުރާ ރަސްމާލެއަކީ އިޤްތިޞާދީ ގިނަ ފުރުޞަތުތަކެއްވެސް ހުޅުވިގެންދާނެ ތަނެއް ކަމަށް ސަރުކާރުން ބުނެއެވެ.

