ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ޕެސެންޖަރ ޓަރމިނަލުން ރަޝިއާގެ އެންމެ ބޮޑު އެއަރލައިން، އެއޮރޯފްލޮޓަށް ޚިދުމަތް ދޭން މިއަދު ފަށައިފިއެވެ. މިކަމަށްޓަކައި ވީއައިއޭ ޓަރމިނަލް 1 ގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓު އޮން ޕޮލިސީ އެންޑް މެނިފެސްޓޯ ޙުސައިން ފަޙުމީއެވެ. މީގެ އިތުރުން އެއޮރޯފްލޮޓުގެ ޖެނެރަލް މެނޭޖަރ އޮފް ދަ މޯލްޑިވްސް އެވެންގީ ރަޓުޝްނީ އާއި، ރަޝިއަން ފެޑެރޭޝަންގެ ކޮންސަލް އަލެސްކި އިޑަމްކިން އަދި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
އައު ޓަރމިނަލުން އެއޮރޯފްލޮޓަށް ޚިދުމަތް ދޭން ފެށުމާއެކު، ޓަރމިނަލް 1 އިން މިހާރު ޖުމްލަ 39 އެއަރލައިނަކަށް ޚިދުމަތް ދެމުންދާނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރާށީގެ ޚިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
އެމްއޭސީއެލުން ވިދާޅުވީ، ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިންތަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. އެއޮރޯފްލޮޓަކީ ރަޝިއާ މާކެޓުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އުފުލާ އެއް އެއަރލައިންކަން ފާހަގަކޮށްލެވެއެވެ.

