ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ 2025 ޑިސެންބަރު 25 ވަނަ ދުވަހު ކަސްޓަމްސް އިން މުދާ ބަލައިފާސްކުރުމުގެ ތެރޭގައެވެ.
ކަސްޓަމްސް އިން ބަލައިފާސްކުރި މުދާތަކުގެ ތެރެއިން ފެނިފައިވަނީ މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފުޅިތަކެކެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، އާފިޔާ، އަޙްމަދު ޢަލީ (47އ) އާއި މާލޭ ގ. އުފްރިޔާ، މުޙައްމަދު ޢާދިލް (57އ) އެވެ.
މި ދެ މީހުންގެ ތެރެއިން އަޙްމަދު ޢަލީ ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 26 ވަނަ ދުވަހުއެވެ. އަދި މުޙައްމަދު ޢާދިލް ހައްޔަރުކޮށްފައިވަނީ އޭގެ އަނެއް ދުވަސް ކަމަށްވާ ޑިސެންބަރު 27 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

