ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ބައެއް، ރިމާންޑް ޖަލެއްގެ ގޮތުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކަނޑައަޅައިފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން އައްސޭރި ޖަލުގެ ޔުނިޓު 2ގެ ވިންގު 1 އަކީ ރިމާންޑް ޖަލެއްގެ ގޮތުގައި މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން މިނިސްޓަރު އަލީ އިހުސާން ކަނޑައަޅުއްވާފައިވާ ކަމަށެވެ.
މި ބަދަލާއެކު، އެ ސަރަހައްދު ދެން ބޭނުންކުރެވޭނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބޭތިއްބުމަށެވެ. މީގެ ކުރިން އައްސޭރި ޖަލަކީ ހަމައެކަނި އެކިއެކި ކުށްތައް ސާބިތުވެ، ހުކުމް ތަންފީޒު ކުރަމުންދާ މީހުން ބައިތިއްބާ ޖަލެކެވެ.
ހޯމްލޭންޑް މިނިސްޓްރީން އިތުރަށް ވިދާޅުވީ، މި ޖަލަކީ ވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ބެލުމުގެ ދަށުން ހިންގަމުންދާނެ ތަނެއް ކަމަށެވެ. މި ނިންމުމަކީ ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށާއި، ބަންދުގައި ތިބޭ މީހުން ގިންތިކުރުމުގައި ލުއިފަސޭހަތަކެއް ހޯދުމަށް ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ.

