ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭނެއެވެ. މިއީ މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް އެއް ދުވަހެއްގައި ހިދުމަތް ދޭނެ ދެވަނަ ދުވަހެވެ.
އެގޮތުން ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން މިއަދު 22,142 ފަސިންޖަރުންނަށް ހިދުމަތް ދޭނެއެވެ. އެއީ ރާއްޖެއިން ފުރާ 11,035 ފަސިންޖަރުންނާއި ރާއްޖެ އަންނަ 11,107 ފަސިންޖަރުންނެވެ.
ޑޮމެސްޓިކް ޓާމިނަލުން މިއަދު ޖުމުލަ 4,843 ފަސިންޖަރުންނަށް ހިދުމަތް ދޭނެއެވެ. އެއީ މާލެއިން ފުރާ 2,652 ފަސިންޖަރުންނާއި މާލެ އަންނަ 2,191 ފަސިންޖަރުންނެވެ.
މީގެ އިތުރުން މިއަދު 239 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކުރެވޭނެއެވެ.
"މިއަދަކީ އެއާޕޯޓުގެ ތާރީހުގައިވެސް އެންމެ ބާރު ބޮޑު އެއް ދުވަސް. ކިއުތަކުގައި ފަސިންޖަރުން ތިބެންޖެހޭ ވަގުތު އިތުރުވުން ކުޑަކޮށް، ހިދުމަތް އަވަސް ކުރުމަށްވެސް ޕްލޭންތައް ރާވައިގެން ކުރިއަށް ގެންދާނެ. އެއާޕޯޓަށް ބާރު ބޮޑުވި ނަމަވެސް ފަސިންޖަރުންނަށް އާ ޓާމިނަލުން ލިބޭ ތަޖުރިބާ ރަނގަޅުވުމަކީ ލިބޭ އުފަލެއް،" އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ.

