ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ހަލުވިވަމުންދާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، މި މަޝްރޫއުތައް ހަލުވިވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޓެކްސް (ޓީޖީއެސްޓީ) އިން ލިބޭ އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ.
މި މަހުގެ 18 ގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 36.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 33.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.8 ބިލިއަން ރުފިޔާ ނުވަތަ 11.5 އިންސައްތައިގެ އިތުރުވުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 10.1 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރަށްވުރެ 15.1 އިންސައްތަ އިތުރު އަދަދެކެވެ.
ރިޕޯޓުގައިވާ ގޮތުން ޕީއެސްއައިޕީ މަޝްރޫއުތަކަށް މިހާތަނަށް ޖުމްލަ 7.5 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. އެގޮތުން އެއާޕޯޓު ތަރައްޤީކުރުމަށް 3.2 ބިލިއަން ރުފިޔާ އަދި ބްރިޖް މަޝްރޫއުތަކަށް 870.3 މިލިއަން ރުފިޔާ ހިމެނޭހެން ޖުމްލަ 4.4 ބިލިއަން ރުފިޔާ އެ ދާއިރާއަށް ވަނީ ޚަރަދުކޮށްފައެވެ.
ސިއްހީ ދާއިރާގެ ތަރައްޤީގެ މަޝްރޫއުތަކަށް ކުރާ ހޭދަވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސިއްހީ ދާއިރާގެ ޕީއެސްއައިޕީއަށް 145.5 މިލިއަން ރުފިޔާ ޚަރަދުކުރި ނަމަވެސް، މިއަހަރު އެ އަދަދު ވަނީ 453.1 މިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 211.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
ދައުލަތުގެ މާލީ ހާލަތަށް ބަލާއިރު، ބަޖެޓް ޑެފިސިޓް ވަނީ ބޮޑުތަނުން ކުޑަކުރެވިފައެވެ. މިދިޔަ އަހަރު 11.5 ބިލިއަން ރުފިޔާގައި ހުރި ޑެފިސިޓް، މިއަހަރު ވަނީ 2.0 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ 82.5 އިންސައްތައިގެ ރަނގަޅުވުމެކެވެ. މީގެ އިތުރުން، ޕްރައިމަރީ ބެލެންސް 6.9 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން 2.5 ބިލިއަން ރުފިޔާގެ ސަރަޕްލަސްއަކަށް ވަނީ ބަދަލުވެފައެވެ.
ޚަރަދުތަކުގެ ތެރެއިން ސަބްސިޑީއަށް ކުރި ހޭދަ ވަނީ 5.3 އިންސައްތަ ކުޑަކުރެވިފައެވެ. އެގޮތުން ސަބްސިޑީއަށް 3.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ފާއިތުވި ހަފްތާގައި ޚަރަދުތައް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދަރަނީގެ ޚިދުމަތަށް ކުރެވުނު ޚަރަދުތައް ކަމަށް މާލީ ވުޒާރާގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

