2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ގދ ފަރެސްމާތޮޑާގެ ރައީސްކަމަށް ވާދަކުރާ ޕީއެންސީގެ ޓިކެޓް އެރަށުގެ މިހާރުގެ ނައިބު ރައީސް ނަސްރުﷲ މުހައްމަދު ކާމިޔާބު ކޮށްފިއެވެ. އޭނާއަށް ޓިކެޓް ކާމިޔާބުވީ އިއްޔެ ފަރެސްމާތޮޑާގައި ބޭއްވި ޕީއެންސީގެ ޕްރައިމްރީގައި މިހާރު އެރަށުގެ ރައީސް އަހުމަދު އިމްތިޔާޒް އާއި ވާދަކޮށް ވަރަށް ބޮޑު ތަފާތަކުންނެވެ. ނަސްރު ވަނީ 171 ވޯޓު ހޯދާފައެވެ. އިމްތިޔާޒަށް ލިބުނީ 56 ވޯޓެވެ.
ނަސްރުގެ މިޓިކެޓް ވެގެން ދިޔައީ ޒުވާނެއްގެ ގޮތުގައި ސިޔާސީ ގޮތުން ހޯދާ ކާމިޔާބީގައި އިތުރު ހަރުފަތަކަށް އަރާ ހަމަޖެހިލުމުގައި ޙާސިލްކުރަމުން އަންނަ ކާމިޔާބީގެ ޗޭނަށް އިތުރުވި ބޮޅަކަށެވެ.
2010 ވަނަ އަހަރު، މިއަދު ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ފަރެސްމާތޮޑާގެ މެމްބަރުކަމަށް ނުކުންނަވައި ހޯއްދެވި ފުރަތަމަ ކާމިޔާބީ އާއި އެކު ސިޔާސީ މައިދާނަށް ނުކުތް ނަސްރު ވަނީ ނާއިބު ރައީސް ސެމްބެ ދާއިރާގެ މެމްބަރުކަމުގެ 2 ދައުރާއި 3 ރިޔާސީ އިންތިޚާބުގައި ކާމިޔާބުތައް ތަކުރާރު ކޮށްފައެވެ. އެއަށްފަހު 2013 ގައި ފަރެސްމާތޮޑާގެ ކައުންސިލް ރައީސްކަމުގެ ދައުރެއް ފުރިހަމަކޮށް ޖެހިގެން އައި އިންތިޚާބުގައި މިހާރު ފަރެސްމާތޮޑާގެ ރައީސްއަށް ފުރުސަތުދީ އެއް ގިޔަރު މަޑުކޮށް ކައުންސިލް ގެ މެމބަރު ކަމުން ޖާގަ ހޯދާފައެވެ.
މިއަދު އެ ކައުންސިލުގެ ނައިބު ރައީސް ކަމުގައި ހުރި ނަސްރުގެ ފަހަތުން ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރީ ކައުންސިލް މެމްބަރު ކަމަށް ހުސައިން އާސިމްގެ އިތުރުން ޑަބްލިއުޑީސީގެ ރައީސާއަކަށް ވަޙީދާ އަބްދުއްސައްތާރެވެ. ފަރެސްމާތޮޑާގެ ޕީއެންސީ ފައުޖަކީ އަބަދުވެސް ވަރަށް އެއްބައިވަންތަކަން އިސްކުރާ ވަތަނީ ފިކުރުގެ ބައެކެވެ. އެ ޓީމުގެ ކާމިޔާބީގެ ސިއްރަކީ އެއީއެވެ.
70000 އަށްވުރެ ގިނަ މެމްބަރުން ހިމެނޭ ،ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީއެންސީގެ ޕްރައިމަރީ ފަށާފައި ވަނީ އިއްޔެ ހެނދުނު 9:00 ގަ އެެވެ. އެ ވޯޓުލުން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ގެންދިޔައިރު އެކި ރަށްރަށުން ކައުންސިލްތަކަށް 183 އަދި އަންހެނުންގެ ކޮމިޓީތަކަށް 121 މީހުންނާއެކު ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރިއެވެ.


