ވައްކަންކުރި ކަމަށް ބުނެ މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބ. ހިތާދޫ / އަންދަލީބުގެ، އަޙްމަދު ޝަރީފް (50އ) އާއި ލ. އިސްދޫ / ބްލޫކިޔާގެ، އަޙްމަދު ޚާތިމް (49އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ދެ މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ.
ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލައަކީ މީހަކަށް އަނިޔާކޮށް، އިންސާނީ ކަރާމާތަށް އުނިކަން އަންނަ ފަދަ އަމަލުތަކެއް ހިންގާފައިވާ މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ހާދިސާ ހިނގި ވަގުތު އެމީހާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ވައްކަން ކުރި ކަމަށް ތުހުމަތުކޮށް އެމީހުން ވަނީ އަނިޔާ ލިބުނު މީހާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އަދި ވަރަށް އަނިޔާވެރިކޮށް އޭނާ ދަމާފައި ގެންގޮސް މޫދަށް އެއްލާލާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށްދާ ކަމަށެވެ. މިފަދަ އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

