ރައްޔިތުންގެ ވާހަކަތައް ކަނުލާ އަޑުއެހުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ސިޔާސީ ދާއިރާގައި ދަސްވި ވަރަށް މުހިންމު ސިފައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވަނީ އެ ބަސްދީގަތުމުގައި އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ސިޔާސީ ދާއިރާއަށް ނުކުންނެވި ފަހުން އެކި ލީޑަރުންގެ ފަރާތްޕުޅުން އެއްބާރުލުމާއި ގިނަ ކަންކަން ދަސްވި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ބައްޕާފުޅުގެ ސިޔާސީ ހަޔާތުގައި ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން އެ ދާއިރާއަށް ފޫހިކުރެއްވުނެވެ. ނަމަވެސް، ހިޔުމަން ރައިޓްސް ކޮމިޝަންގައި މަސައްކަތް ކުރެއްވިއިރު އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ނިމުނު ދުވަސްވަރު ރާއްޖޭގެ މަޝްރަހުގައި ހިނގި ލާއިންސާނީ މަންޒަރުތައް ގާތުން ފެނިވަޑައިގަތުމުން، އެކަންކަން ބަދަލު ކުރެއްވުމަށް ސިޔާސީ ދާއިރާއަށް ނުކުންނަން ބޭނުންފުޅުވީ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި، ސިޔާސީ ގޮތުން ބުނާ ބަހާއި، އަމަލާ ދިމާވާންޖެހޭނެއެވެ. އަދި ޤައުމާއި، ރައްޔިތުންނާއި، އަންނަން އޮތް ޖީލުގެ ޙައްޤުގައި އެފަދަ ލީޑަރުން ތިބެންޖެހޭކަން ގަބޫލުކުރައްވައި، އަނބިކަނބަލުންނާ މަޝްވަރާކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވުމަށް ނިންމެވީ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ. އޭރު މަޖިލީހުގައި އެކުގައި މަސައްކަތް ކުރެއްވި މެންބަރުންނާއި، މިހާރުގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި އޭރުގެ ސަރުކާރުގެ ބޭފުޅުންގެ ފަރާތުން އެއްބާރުލުން ލިބި، ގިނަ ކަންކަން ދަސްވި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“މިއަދުގެ ރައީސުލްޖުމްހޫރިއްޔާއާއެކު މަސައްކަތް ކުރުމަށް އަޅުގަނޑުމެން އެއް ސަރުކާރެއްގެ ތެރޭގައި އުޅުނީމަ މީހުން ދައްކާ ވާހަކަ އަޑުއެހުން އެއީ، އަޅުގަނޑަށް ފެނިގެން ދިޔަ ވަރަށް މުހިންމު އެއް ސިފަ. ޚާއްޞަކޮށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އޭރުވެސް އެކަން ދަސްވެގެން ދިޔަ ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި، އަޅުގަނޑުވެސް ބައެއް މީޓިންތަކުގައި އިންނައިރު ކަނުލާ ކަންކަން އަޑުއެހުން. އަޑުއެހުމުގައި އެ ދޭންޖެހޭ ސަމާލުކަން އެ ރައްޔިތަކަށް ދީ އެ ނިމުމަށްފަހު ހަޤީޤަތުގައި ދެން އެ އަންނަނީ އަޅުގަނޑުމެންގެ ރަސްމީ މަސައްކަތް. އެކަމަށް އިޖާބަދީ ޖަވާބުދާރީވުން. މިއީ، އަޅުގަނޑަށް ދަސްވި ވަރަށް މުހިންމު ސިފަތަކެއް،” ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި 10 އަހަރަށް އިޝާރާތް ކުރައްވައި، ނައިބު ރައީސް ވިދާޅުވީ، ރައްޔިތުންގެ ކަންކަމާ އުޅޭ ކަމުގައިވާނަމަ ކުރިއެރުން ލިބިގެންދާނެކަން ފަރެސްމާތޮޑާ ދާއިރާއިން ފެނިގެންދާނެ ކަމަށެވެ. އެގޮތުން، އެމަނިކުފާނު މެންބަރަކަށް ހުންނެވިއިރު ސަރުކާރުތަކުގެ އެއްބާރުލުމާއެކު ވަކި ދާއިރާތަކަށް އެންމެ ބޮޑު ބަދަލެއް އައި އެއް ދާއިރާއަށް ފަރެސްމާތޮޑާ ދާއިރާ ވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަކީލުކަން ކުރައްވާއިރު، ވަކި ފަރުދެއްގެ މަސްލަޙަތަށްވުރެ މުޅި ޖުމްލަ މުޖުތަމަޢަށް ފައިދާ ކުރަނިވި އަދި އޭގެ ސަބަބުން ހެޔޮ ބަދަލު އަންނާނެ ކަންކަމުގައި ވަކާލާތު ކުރައްވަން އިސްކަން ދެއްވާ ކަމަށް ވެސް ވިދާޅުވިއެވެ.

