އަންނަ ރޯދަ މަހުގެ 27 ވިލޭރޭ 30 ޙާފިޡުން ދަސްވެނިވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިއީ ކީރިތި ޤުރުއާން ހިތުދަސް ޙާފިޡުން އުފެއްދުމަށް ސަރުކާރުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން ހާސިލުކުރެވޭ މުހިންމު ލަނޑުދަނޑިއެކެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރެއްވި ގޮތުގައި، މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތުދަސްކޮށް ނިންމައި، އިމްތިހާން ހަދާފައިވެއެވެ. މީގެ އިތުރުން 7 ކުއްޖެއްގެ އިމްތިހާނު މިހާރު ކުރިއަށްދާއިރު، އެއް ކުއްޖަކު އިމްތިހާނަށް ތައްޔާރުވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޙާފިޡުން ދަސްވެނިވުމަށް ބާއްވާ ޚާއްޞަ ޙަފްލާ ރޯދަ މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ މާރޗު މަހުގެ ތެރޭގައެވެ. ވަޒީރު ވިދާޅުވީ އަންނަ ރޯދަ މަހު ދަސްވެނިވާ 30 ޙާފިޡުންނަކީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެއް ކަމަށެވެ. އަދި ހަމަ އެ ރޭ 42 ޙާފިޡަކު ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާޞިލްކުރާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގައި ޙާފިޡުން އުފެއްދުމަކީ މި ސަރުކާރުގެ ބޮޑު އަމާޒެކެވެ. މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ މިދިޔަ ޖޫން މަހުން ފެށިގެން ޙާފިޡުންނަށް ދޭ އެލަވަންސްވެސް ބޮޑުކޮށްދީފައެވެ. މިއީ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ދެވޭ ޚާއްޞަ ސަމާލުކަމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދިވެހި ދަޢުލަތް ހިންގުމުގައި އެންމެ އިސްކަމެއް ދެއްވާނެ ޤައުމީ ވާޖިބަކީ މާތްވެގެންވާ އިސްލާމްދީނަށް ނަޞްރު ދިނުމެވެ. އެމަނިކުފާނު ވިދާޅުވީ “ކީރިތި ޤުރުއާން ހިތުދަސް ޙާފިޡުން އުފެއްދުމަށާއި އެކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ” ކަމަށެވެ.

