ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްސަކޮށްގެން ހިންގާ މި ޕްރޮގްރާމަކީ ސަރުކާރުން އިޖުތިމާޢީ ދާއިރާއިން އެންމެ އިސްކަމެއްދޭ އެއް މަސައްކަތެވެ. ވަޒީރު ވިދާޅުވީ އެކި ހާލަތްތަކުގައި ޢާއިލާތަކުން ނެގޭ ކުދިން ބެލެހެއްޓުމުގެ ޒިންމާ ވުޒާރާއިން ފުރިހަމައަށް އަދާކުރި ނަމަވެސް، ޢާއިލީ މާޙައުލާ ދުރުގައި ކުދިން ބޮޑުވުމުން އެކުދިންނަށް ބޭނުންވާ މުހިންމު ހުނަރުތައް މަދުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މި ޕްރޮގްރާމުގެ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، “ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއް ކޮންމެ ކުއްޖަކަށް އާޢިލާއެއް. މި ޕްރޮޖެކްޓުގެ ދަށުން 2023 ގެ ނޮވެމްބަރުން ފަށައިގެން 110 ކުދިން އެކުދިންގެ އާއިލާއަށް ނޫނީ، އައު އާޢިލާތަކާއި ހަވާލުކުރެވިގެން ވަރަށް ރަނގަޅަށް އެބަހިނގާ،” ކަމަށެވެ. އަދި ކުދިންނާ ހަވާލުވާ އާއިލާތަކުގެ އަދަދު އިތުރުވަމުންދާކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުދިންނަށް ރައްކާތެރި މާޙައުލެއް ހޯދައިދިނުމަށްޓަކައި އަމާން ވެށިތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން މިފަހުން ފ. އަތޮޅުގައި އަމާންވެއްޓެއް ޤާއިމްކޮށްފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. މި މަރުކަޒުތަކުގައި ތިބޭ ކުދިން މުޖުތަމަޢަށް ނުކުންނައިރު ބޭނުންތެރި ބަޔަކަށް ހެދުމަށްޓަކައި އިންޓާންޝިޕް ފުރުސަތުތަކާއި ތަމްރީނުތައް ދަނީ ފޯރުކޮށްދެމުންނެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މިއަހަރުގެ ތެރޭގައި އެކަނިވެސް 23 ކުއްޖަކަށް އިންޓާންޝިޕް ފުރުސަތު ހޯދައިދީ، 40 ކުއްޖަކަށް އެކި ދާއިރާތަކުން ތަމްރީނު ދީފައިވެއެވެ. އަދި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިންވެސް ބައެއް ކުދިން ތަމްރީނު ފުރިހަމަކޮށްފައިވާކަން ފާހަގަކުރައްވައި، މިއީ އެކުދިން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ލިބޭ މުހިންމު ބާރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

