ރާއްޖޭގެ ތިން ސަރަހައްދެއްގައި އަންހެނުންނާއި އާއިލާތަކަށް ލިބޭ އަނިޔާއިން ރައްކާތެރިކުރުމުގެ ގޮތުން، އަނިޔާ ލިބޭ މީހުން ވަގުތީ ގޮތުން ބައިތިއްބާނެ ތަންތަން އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިޖުތިމާއީ އަދި އާއިލާ ތަރައްގީއާ ބެހޭ ވަޒީރު، ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަންހެނުންނަށް ފުރައްސާރަ ކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ވެސް މިހާރު ކުރިއަށް ގެންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އަނިޔާ ލިބޭ އަންހެނުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި މިފަދަ މަރުކަޒެއް އެޅުމަށް މިހާރު ކޮންޓްރެކްޓް ކުރެވި، މަސައްކަތް ފެށޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭގައި ވެސް ވަގުތީ ހިޔާއެއް އިމާރާތް ކުރުމަށްޓަކައި ބަޔަކު ހޯދުމަށް މިހާރު ވަނީ އިއުލާނު ކޮށްފައެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ހުޅުމާލޭގެ މަޝްރޫއު ފެށުމާއެކު ރ. އުނގޫފާރުގައި ވެސް ވަގުތީ ހިޔާއެއް އިމާރާތް ކުރުމުގެ މަސައްކަތް ފެށިގެން ދާނެއެވެ. “އެހެންވީމަ ރާއްޖޭގެ 3 ހިސާބެއްގައި ޑޮމެސްޓިކް ވައިލެންސް ޝެލްޓާސް ގާއިމު ކުރަނީ،” ވަޒީރު ވިދާޅުވިއެވެ.
ބޯހިޔާވަހިކަން ނެތުމުގެ ސަބަބުން އެހެން މީހުންނާއެކު ދިރިއުޅެން ޖެހިފައިވާ އަންހެނުންނާއި އާއިލާތަކަށް ކުރިމަތިވާ ނާޒުކު ހާލަތްތަކުގެ ޝަކުވާތައް މީސްމީޑިއާގައި ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. ސަރުކާރުން މި ފަށާ މަޝްރޫއުތަކުގެ ސަބަބުން، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ކަށަވަރުވެގެންދާނެ ކަމަށް ބެލެވެއެވެ.

