ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށިފައިވާއިރު، އެވްރެޖްކޮށް ކޮންމެ ދުވަހަކު 7000އަށްވުރެ ގިނަ ފަތުރުވެރިން މިހާރު ރާއްޖެއަށް އަންނަ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާގޮތުން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 2.0 މިލިޔަން ފަތުރުވެރިންނާއި އަޅާ ބަލާއިރު، 9.9 އިންސައްތަ އިތުރު އަދަދެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހު ރާއްޖެއަށް ވަނީ ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޚާއްސަކޮށް މިދިޔަ ހޮނިހިރު އަދި އާދީއްތަ ދުވަހު ރާއްޖެއަށް 9000 އަށްވުރެ ގިނަ ފަތުރުވެރިން ކޮންމެ ދުވަހަކު އައިސްފައިވާކަން ފާހަގަކުރެވެއެވެ. މިމަހުގެ މިހާތަނަށް ރާއްޖެއަށް ވަނީ 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ޑިސެންބަރުމަހާ އަޅާބަލާއިރު 8.2 އިންސައްތަ އިތުރުވުމެކެވެ.
ވަކި ވަކި ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، ބޮޑު ތަފާތަކާއެކު އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. ޗައިނާއިން އަހަރުގެ މިހާތަނަށް ވަނީ 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެގައުމުން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިނގިރޭސިވިލާތުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދުވެސް ވަނީ 2 ލައްކައަށްވުރެ އިތުރުވެފައެވެ.
މިއަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ހަމަވެފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. ރާއްޖެއަށް ފުރަތަމަ ފަހަރަށް 2 މިލިޔަން ފަތުރުވެރިން ހަމަވީ މިދިޔަ އަހަރުގެ ޑިސެންބަރު 26 ގައެވެ. އެހެންކަމުން މިއަހަރު މި ލަނޑުދަނޑި ހާސިލްވެފައިވަނީ މިދިޔަ އަހަރާ އަޅާބަލާއިރު އެއް މަސްދުވަސް ކުރިންކަން ފާހަގަކުރެވެއެވެ.

