މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މާލެ ސަރަހައްދުން ދިރިއުޅުމަށް ގޯއްޗާއި ފްލެޓު ދޫކުރުމުގެ އާ އުސޫލެއް ސަރުކާރުން އާންމުކޮށްފިއެވެ. މި އުސޫލުގެ ދަށުން މާލޭގެ ރަށްވެހިކަމުގައި އެއް އަހަރުވެފައިވާނަމަ ފްލެޓަށް ޝަރުތު ހަމަވާ ގޮތަށް ކަނޑައަޅާފައިވެއެވެ.
މާލެ ސަރަހައްދުން ގޯތި ދޫކުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ގޯތި ދޫކުރާނީ މާލޭގައި ދިރިއުޅޭ މީހުން ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނެވެ. ދެ ކެޓަގަރީގެ މީހުންނަށް ވެސް ދޫކުރާނީ 1،250 އަކަފޫޓުގެ ގޯތިތަކެވެ. މި ގޯތިތައް ދޫކުރުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ވަނީ އިސްކަންދެއްވާފައެވެ. ރައީސް ވަނީ ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރާނެ ކަމަށާއި، އޭގެ ތެރެއިން ފުރަތަމަ 15،000 ގޯތި ދޫކުރާނެ ކަމަށް އިއުލާންކުރައްވާފައެވެ.
ގޯތި ދިނުމުގެ އުސޫލުގެ ކެޓަގަރީ އެކެއް، މާލޭގެ ރަށްވެހިންނަށް ގްރޭޓާ މާލެ ސަރަހައްދުން (ހުޅުމާލެ، ގުޅިފަޅު، ގިރާވަރު ފަޅު) އަދި ރަސްމާލެއިން ވެސް ގޯތި ލިބޭއިރު، ކެޓަގަރީ ދޭއްގައި ހިމެނޭ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ގޯތި ދޫކުރާނީ ހަމައެކަނި ރަސްމާލެއިންނެވެ.
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީއިން ގޯތި ލިބުމުގެ ޝަރުތުތަކުގެ ތެރޭގައި އަންނަ ޖެނުއަރީ 14 ވަނަ ދުވަހާ ހަމައަށް މެދުނުކެނޑި 15 އަހަރު މާލޭގައި ދިރިއުޅެފައިވުން ހިމެނެއެވެ. މާލޭގައި ދިރިއުޅުނު މުއްދަތަށް ބަލައި ޕޮއިންޓް ދޭނެއެވެ.
- 15 – 20 އަހަރާ ދެމެދުގައިނަމަ 20 ޕޮއިންޓް
- 20 – 25 އަހަރާ ދެމެދުގައިނަމަ 30 ޕޮއިންޓް
- 30 އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައިވާނަމަ 40 ޕޮއިންޓް
މި ކެޓަގަރީގެ މީހުންނަށް ޕޮއިންޓް ދިނުމުގައި މިލްކިއްޔާތުގައި ބިމެއް އޮތުން ނުވަތަ ބަހައިގެން ބިމެއް ލިބެން އޮތުން ވެސް ބަލާނެއެވެ.
މާލޭގެ ރަށްވެހިން ކަމަށް ބަލާނީ އުފަންވީއްސުރެ މާލޭގެ ގެއެއްގައި ރަޖިސްޓްރީވެފައިވާ މީހުންނާއި، މާލޭގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި، ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނެވެ. މާލޭގެ ރަށްވެހިންނަށް ގޯތި ލިބުމަށް ގިނަ ޝަރުތުތަކެއް ފުރިހަމަވާން ޖެހެއެވެ.
މީގެ ތެރޭގައި، ރާއްޖޭގެ އެއްވެސް ތަނަކުން 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް މިލްކިއްޔާތުގައި ނެތުމާއި، 400 އަކަފޫޓު އޮތް ނަމަ އެބައި ދޫކޮށްލަން އެއްބަސްވުން ހިމެނެއެވެ. ވާރުތައިން ވެސް އެވަރުގެ ޖާގައެއް ލިބެން އޮތަސް އެބައި ދޫކޮށްލަން އެއްބަސްވުމަކީ ޝަރުތެކެވެ. މީގެ އިތުރުން، އެއްމެދު ގޯއްޗެއް ބަހައިގެން 400 އަކަފޫޓު ލިބޭ މީހުންނަށް ވެސް ގޯއްޗަށް އެދެވޭނެ ޝަރުތު ހަމައެއް ނުވާނެއެވެ.
އާ އުސޫލުގައި، ގޯއްޗަށް ކުރިމަތިލާ މީހާއަށް މީގެ ކުރިން ފްލެޓެއް ނުވަތަ ގޯއްޗެއް އެހެން މީހަކަށް ހިބައިން ދީފައި ނުވަތަ ވިއްކާފައި ވޭތޯ ވެސް ބަލާނެއެވެ. އަދި ގޯއްޗަށް ކުރިމަތިލާ މީހާގެ އަނބިމީހާ/ފިރިމީހާ އަށް މާލެ ސަރަހައްދުން ފްލެޓް ލިބިފައި ނުވުމަކީ ވެސް ޝަރުތެކެވެ. މީގެ ކުރިން ގޯއްޗާއި ފްލެޓް ދޫކުރުމުގައި ބަލާފައިވަނީ މީހެއްގެ މިލްކިއްޔާތުގައި 600 އަކަފޫޓަށް ވުރެ ބޮޑު ޖާގައެއް އޮތްތޯއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕުރޮގުރާމެއްގެ ދަށުން 2 ކޮޓަރީގެ ހައުސިންގ ޔުނިޓެއް ލިބި، އެފަރާތެއްގެ 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބި ނަމަ، އެ ތަނެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދޫކޮށްލަން އެއްބަސްވާންޖެހެއެވެ. ކައިވެންޏެއް ކޮށްގެން އުޅޭނަމަ އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ފިރިމީހާ އާއި އަނބިމީހާއާއެކު ޖޮއިންޓް އެޕްލިކޭޝަނެކެވެ. އަދި ދެއަނބިންނަށްވުރެ ގިނަ އަނބިން ތިބޭނަމަ އިހްތިޔާރީ އެއް އަނބިންނާއެކު ހުށަހެޅިދާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

