ހުޅުމާލޭގައި ހިންގާ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ ވެރިންނާއި މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، އިޖުތިމާއީ މިންގަނޑުތަކަށް ހޭލުންތެރިކުރުވުމަށް ހިންގި ހަރަކާތެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޑިސެމްބަރު 29 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ޓޫރިސްޓް ޕޮލިހާއި ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގެ އާންމު ސަރަހައްދުތަކާއި ބީޗުތަކުގައި ފަތުރުވެރިން ނިވާކަންކުޑަ ހެދުން އަޅައިގެން އުޅޭ މައްސަލަ ހުއްޓުވުމަށް ގެސްޓުހައުސްތަކުގެ ވެރިން މެދުވެރިކޮށް ފަތުރުވެރިން ހޭލުންތެރިކުރުވުމެވެ.
މި ޒިޔާރަތްތަކުގައި، ފަތުރުވެރިން ބިކިނީ ފަދަ ނިވާކަންކުޑަ ހެދުންތަކުގައި މޫދަށް އެރުމާއި ބީޗުގައި ހަރަކާތްތެރިވުން އިތުރުވަމުން އަންނާތީ، އެކަން އެގޮތަށް ނުކުރުމަށް ފަތުރުވެރިންނަށް އިރުޝާދު ދިނުމަށް ގެސްޓުހައުސްތަކަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، ބީޗުގައި އުޅޭއިރު ފަތުރުވެރިން ގެންގުޅޭ އަގުބޮޑެތި މުދަލަށް ސަމާލުވުމަށް އެދި، ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ފަތުރުވެރިންނަށް މައުލޫމާތު ދިނުމަށް ވެސް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.
މިދުވަސްވަރަކީ ފަތުރުވެރިކަމުގެ ހައި ސީޒަން ކަމަށްވާތީ، ބުކިންގްތަކާ ގުޅޭގޮތުން ދިމާވާ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި ފަތުރުވެރިންނަށް ރަނގަޅު މައުލޫމާތާއި އިރުޝާދު ދިނުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ. ހާއްސަކޮށް، ޕޭމަންޓްތަކާ ގުޅޭ ކަންކަން ދުރާލައި ނިންމުމަށާއި، މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ސަމާލުކަން ދިނުމަށް ވެސް މި ޕްރޮގްރާމްގެ ތެރެއިން ވަނީ ބާރުއަޅާފައެވެ.

