މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ. ދުވާފަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ގެންގުޅެ ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ދުވާފަރު ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ރ. ދުވާފަރު / ދަފްތަރު ނަންބަރު 0098، މުހައްމަދު އަލީ (39އ) އާއި، ރ. ދުވާފަރު / އުޖާލާއަލި، އިސްމާއީލް ޝައުފާން އަލީ (28އ) ގެ އިތުރުން ގއ. ގެމަނަފުށި / ނިއުލައިޓް، ނަޛީޙު ޙިލްމީ (32އ) އެވެ. މި ތިން މީހުންނަކީވެސް މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ ކަމުގެ ތުހުމަތު ކުރެވޭ މީހުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިސްމާޢީލް ޝައުފާން ޢަލީ (28އ) ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ދެން ތިބި ދެ މީހުން ކަމަށްވާ މުހައްމަދު އަލީ އާއި ނަޛީޙު ޙިލްމީ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ދުވާފަރު ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

