ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އާދަ ދެވި ހިފައިފިނަމަ އެ އާދައާ ދުރަށް ދިއުމަށް ވަރަށް ވެސް ދަތި އުނދަގޫ ކަމެކެވެ. އޭގެއިން ލިބޭ ސިއްހީ އަދި މާލީ ގެއްލުން ބޮޑުކަން އެނގޭ އަދި ފަހުމުވާ ހާލުގައިވެސް އެއާ ދުރަށް ދިއުމަކީ ފަސޭހަ ނޫން ކަމެކެވެ.
ނަމަވެސް، ގުދުރަތީ ބައެއް ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކުރާ ބުއިންތަކަކީ މި އާދައާ ދުރަށް ދިއުމަށް އެހީތެރިވެދޭނެ ވަސީލަތްތަކެކެވެ. އެގޮތުން ރީނދުލާއި، ފޮނިތޮށި އަދި މާމުއި އަޅައިގެން ތައްޔާރުކުރާ ކިރު ނުވަތަ “ގޯލްޑަން މިލްކް” އަކީ ފާހަގަކޮށްލެވޭ ބުއިމެކެވެ.
ރީނދުލުގައި ހިމެނޭ ކާކިއުމިން (Curcumin) އަކީ ދުންފަތުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދޭ އެންޓިއޮކްސިޑެންޓެކެވެ. މީގެ އިތުރުން ފޮނިތޮށީގެ ވަހާއި ރަހައަކީ ސިނގިރޭޓް ބޯހިތްވާ ވަގުތުތަކުގައި އެކަމުން ދުރުހެލިވުމަށް އެހީތެރިވެދޭ އެއްޗެކެވެ. މާމުއި ބޭނުންކުރުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، ދުންފަތުގެ ސަބަބުން އުފެދޭ އިންފްލެމޭޝަން ނުވަތަ ދުޅަހެޔޮކަން ކުޑަކޮށްދެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި ކިރު ނުވަތަ ކިރުގެ ބާވަތްތައް ބޭނުންކުރުމަކީ ސިނގިރޭޓްގެ ރަހަ ނުބައިކޮށްދޭ ކަމެކެވެ. މީގެ ސަބަބުން ސިނގިރޭޓް ބޯހިތްވާ މިންވަރު ކުޑަ ވެގެން ދެއެވެ. މި ބުއިން ތައްޔާރުކުރާއިރު ކުޑަ އަސޭމިރުސް ކޮޅެއް އެއްކޮށްލުމުން ރީނދުލުގެ ފައިދާ ހަށިގަނޑަށް އެންމެ ފުރިހަމައަށް ލިބިދޭނެއެވެ.
ބުއިން ތައްޔާރު ކުރާނެ ގޮތް؛
މި ބުއިން ތައްޔާރުކުރުމަށްޓަކައި 500 އެމްއެލްގެ ރޯކިރު ތެއްޔަކަށް އަޅައިގެން މަޑު ގިނީގައި ހޫނުކުރާށެވެ. އެއަށްފަހު 1/3 ސަމުސާ ރީނދުލާއި، 3 އިންޗީގެ 3 ފޮނިތޮށި އަދި ކުޑަ އަސޭމިރުސް ކޮޅެއް އަޅައިގެން ގިރުވާށެވެ. ހޫނުކޮށް ނިމުމުން ރަހަ ހެޔޮވަރުކުރުމަށް މާމުއި ސަމުސަލެއް އެއްކޮށްލާށެވެ.
ސިނގިރޭޓް ބޯހިތްވާ ކޮންމެ ވަގުތަކު ނުވަތަ ރޭގަނޑު ނިދުމުގެ ކުރިން މި ބުއިން ބޭނުން ކުރުމަކީ އާދައަކަށް ހެދިދާނެއެވެ.
ގުދުރަތީ މިފަދަ ބުއިންތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭނެ އިތުރު ބާރެކެވެ. ނަމަވެސް، މިއީ ހަމައެކަނި އެހީއެއްކަން ދަނެ، މިކަން މުޅިން ހުއްޓާލުމަށްޓަކައި ސިއްހީ މާހިރުންގެ ލަފާ ހޯދުމަކީ އެންމެ ރަނގަޅު ގޮތެވެ.

