އުމުރުން 13 އަހަރުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޓީޗަރަކާ ދެކޮޅަށް ދައުލަތުން ފަސް ދައުވާއެއް އުފުލައިފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ މާލޭގެ ސްކޫލެއްގައި މަސައްކަތް ކުރަމުން ދިޔަ މ. ސަދަންބީޗު، ނަބީލު އަބްދުﷲ (46އ) ގެ މައްޗަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަހުގެ 18 ވަނަ ދުވަހު ނަބީލުގެ މައްޗަށް ދައުވާތައް އުފުލާފައިވަނީ 13 އަހަރުގެ އަންހެން ކުއްޖަކު ދިރިއުޅޭ ކޮޓަރިއަށް ވަދެ، އެ ތަނުގައި ގިނަ ވަގުތު ހޭދަކޮށް ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.
ދައުލަތުން އުފުލާފައިވާ ދައުވާތައް
މި މައްސަލައާ ގުޅިގެން ނަބީލު އަބްދުﷲގެ މައްޗަށް ދައުލަތުން އުފުލާފައިވާ ފަސް ދައުވާއަކީ:
- އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ
- އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ
- ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ
- ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ނިޔަތުގައި، އެ ކުއްޖާ ހުންނަ ގެއަށް ނުވަތަ އެ ކުއްޖާ އެ ވަގުތަކު ހުރި ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ
- ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ
މި ހާދިސާއަކީ މާލޭގައި ހިނގާފައިވާ ހާދިސާއެއް ކަމަށާއި، ހައްޔަރުކުރި މީހަކީ 46 އަހަރުގެ ދިވެހި ފިރިހެން ޓީޗަރެއްކަން ފުލުހުން ކުރިން ވަނީ ކަށަވަރުކޮށްދީފައެވެ. މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ގާނޫނުގައި ވަރަށް ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށްތަކެކެވެ.
މި ޓީޗަރުގެ މައްޗަށް އުފުލާފައިވާ މި ދައުވާތައް ޝަރީއަތަށް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ދައުލަތުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެކެވެ.

