މޯލްޑިވިއަން އެއާރލައިނުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ކުރާ ދަތުރުތަކަށް ބޮޑު ޑިމާންޑެއް އޮތުމާ ގުޅިގެން، އެ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ. މިއީ ޢުމްރާވެރިން އުފުލުމަށް ޙާއްޞަކޮށްގެން ކުރިޔަށްގެންދާ ދަތުރުތަކެކެވެ.
މޯލްޑިވިއަންގެ މި ޢުމްރާ ދަތުރުތައް ފެށީ މި އަހަރުގެ ޖުލައި މަހުއެވެ. މި ދަތުރުތަކަކީ ދިވެހި ޢުމްރާވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ފެށުނު ދަތުރުތަކެކެވެ.
މޯލްޑިވިއަނުން ޖިއްދާއަށް ސީދާ ދަތުރުތައް ބޭއްވުމަށް ނިންމީ މި މަހުގެ 11ވަނަ ދުވަހުއެވެ. މިއީ ސްކޫލް ބަންދާ ދިމާކޮށް ދަތުރުވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ގެނައި ބަދަލެއްކަމަށް މޯލްޑިވިއަނުން ބުނެއެވެ.
އެގޮތުން މާލެއިން ޖިއްދާގެ ދަތުރުތައް ފަށާފައިވަނީ މިމަހުގެ 27 އަދި 28 ވަނަ ދުވަހުއެވެ. އަދި ޖިއްދާއިން މާލެއަށް އައުމަށް ތިން ފްލައިޓެއް އޮޕަރޭޓު ކުރާއިރު، މި ދަތުރުތައް ޝެޑިއުލްކޮށްފައިވަނީ އަންނަ މަހުގެ 10، 11 އަދި 12 ވަނަ ދުވަހަށެވެ.
މޯލްޑިވިއަނުން ބުނިގޮތުގައި ޢުމްރާ ދަތުރުތަކަށް އޮތް ޑިމާންޑު ބޮޑުވުމުގެ ސަބަބުން، ވިއްސަށްވުރެ ގިނަ ފްލައިޓް ޝެޑިއުލްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ.
މީގެ އިތުރުން، މޯލްޑިވިއަނުން ދަތުރުކުރާ އެހެނިހެން މަންޒިލްތަކަށްވެސް ފްލައިޓްތައް އިތުރުކުރަމުންދާކަމަށް އެއަރލައިނުން ހާމަކޮށްފައިވެއެވެ.

