އަމިއްލަ މީޑިއާތަކަށް މިއަހަރު ދައުލަތުން ދޭ މާލީ އެހީތެރިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 41 މީޑިއާއެއް ޝަރުތު ހަމަވެފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.
މި މަހުގެ 25 ވަނަ ދުވަހު ހުޅުވާލި މި ފުރުސަތުގައި ޖުމްލަ 57 މީޑިއާއަކުން ޕްރޮފައިލް ކްރިއޭޓްކޮށް އެހީއަށް އެދިފައިވެއެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކަށް ބެލުމަށްފަހު ޝަރުތު ހަމަވެފައިވަނީ 41 މީޑިއާއެއް ކަމަށް ކޮމިޝަނުން ބުނެއެވެ. މި އެހީއަށް ކުރިމަތިލުމުގެ ޝަރުތަކީ 2024 ޖެނުއަރީ 1 ގެ ކުރިން ރަޖިސްޓްރީކޮށް، މެދުނުކެނޑި ހިންގަމުންދާ މީޑިއާއަކަށް ވުމެވެ.
އެމްއެމްބީސީން ވިދާޅުވި ގޮތުގައި، އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ލިބުނު 8 ޝަކުވާއެއް ރިވިއު ކޮމިޓީން ވަނީ ދިރާސާކޮށްފައެވެ. އޭގެ ތެރެއިން 3 ފަރާތެއްގެ ޝަކުވާ ބަލައިގަނެ، އެޕްލިކޭޝަންތަކަށް މާކްސް ދިނުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މާކްސް ދިނުމުގައި ބަލާފައިވަނީ މީޑިއާ ހިންގާ މުއްދަތަށާއި، މުވައްޒަފުންގެ އަދަދާއި ތަޢުލީމީ ފެންވަރަށާއި، ބިޒްނަސް ޕްލޭނާއި ކޮންޓެންޓުގެ ބާވަތުގެ އިތުރުން އިދާރީ އިންތިޒާމުތަކަށެވެ.
މިއަހަރުގެ ބަޖެޓުގައި މީޑިއާތަކަށް އެހީވުމަށް ޖުމްލަ 27.9 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތައެވެ. މި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ޒުވާނުން ބާރުވެރި ކުރުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ މެދުވެރިކޮށް ފިނޭންސް މިނިސްޓްރީންނެވެ.
ޝަރުތު ހަމަވާ ކޮންމެ މީޑިއާއަކަށްވެސް އެހީގެ ފައިސާ ލިބިގެންދާނީ އެއް ފަހަރާ ދޭ ޕޭމަންޓެއްގެ ގޮތުގައެވެ. މީޑިއާތަކަށް ލިބޭ މާކްސްތައް ޕޯޓަލް މެދުވެރިކޮށް އާންމުކޮށް ފެންނަން ހުންނާނެ ކަމަށްވެސް މީޑިއާ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

