ރޭޕްގެ ތުހުމަތު ކުރެވުމާއެކު ފިލައިގެން އުޅުނު މީހެއްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެ، އޭނާ 15 އަހަރަށް ޖަލަށްލުމަށް މިއަދު ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލާގައި ހުކުމް ކޮށްފައިވަނީ ގދ. ވާދޫ، ސަބާހާ މަންޒިލް، އިޒާމް ޒާހިރު (26އ) އެވެ.
އިޒާމަކީ މިދިޔަ ދޮޅު އަހަރު ދުވަހު ކޯޓަށް ހާޒިރުނުކުރެވިގެން ހުކުމް ނުކުރެވި ހުރި މީހެކެވެ. އޭނާ ފިލައިގެން އުޅުމަށްފަހު ފުލުހުންނާ އަމިއްލައަށް ހަވާލުވެފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
ފުލުހުންގެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު، އިޒާމް ހޯދުމަށް އޭނާގެ ފޮޓޯއާއެކު އެންމެ ފުރަތަމަ އިއުލާނުކޮށްފައިވަނީ ޖޫން 11، 2024 ގައެވެ. އޭގެ ފަހުން ވެސް އެކި ފަހަރު މަތިން އޭނާ ހޯދަން އިއުލާނުކޮށްފައިވަނީ ކޯޓުގެ އަޑުއެހުންތަކަށް ހާޒިރުވެފައި ނުވާތީއެވެ.
ފުލުހުން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި، އިޒާމް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވެއެވެ. އެގޮތުން އޭނާ ހޯދުމަށް 9 ފަހަރެއްގެ މަތިން ފުލުހުން އިއުލާނުކުރި ނަމަވެސް، އޭނާ އަމިއްލައަށް ހަވާލުވުމާ ހަމައަށް ފުލުހުންނަށް އޭނާ ފެނިފައެއް ނުވެއެވެ.
މި މައްސަލައިގެ ޝަރީއަތް ނިމި، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، މިއަދު ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

