ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، މިހާތަނަށް ގޭންގެއް ކަނޑައެޅުމުގެ މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ހާމަކުރައްވާފައެވެ. މިދިޔަ އޮގަސްޓް މަހު އަމަލު ކުރަން ފެށި މި ޤާނޫނުގެ ދަށުން، މިފަދަ މައްސަލައެއް ޕީޖީ އޮފީހަށް ހުށަހަޅާފައިމިއީ ފުރަތަމަ ފަހަރެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ގޭންގު ކުށްތައް ހުއްޓުވުމަށް މި ޤާނޫނުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިހާތަނަށް ދެ މައްސަލައެއްގައި ދައުވާ ކުރުމަށްވެސް ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
ޤާނޫނުގެ ދަށުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު އަމަލުކުރަން ފެށިފަހުން މިހާތަނަށް ފުލުހުން ވަނީ:
- 6 ތަނެއް ބަލައި ފާސްކޮށްފައި.
- 7 މައްސަލައެއްގައި 11 މީހުން ހައްޔަރުކޮށްފައި.
- މީގެ ތެރެއިން 2 މީހުން އަދިވެސް ހައްޔަރުގައި އެބަތިބި.
- 2 މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި.
- ގޭންގެއް ކަނޑައެޅުމަށް އެއް މައްސަލައެއް ޕީޖީ އޮފީހަށް ހުށަހަޅާފައި.
ގޭންގެއް ކަނޑައެޅުމުގެ އިޖުރާއަތް
ގޭންގް ކްރައިމް އިންވެސްޓިގޭޝަން ހިންގުމާ ހަވާލުވެ ހުންނެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމް ވިދާޅުވީ، ގޭންގު ކުށްތަކާ ގުޅޭ ޤާނޫނު ވުޖޫދުވުމާ ގުޅިގެން އެ ޤާނޫނުގައި ގޭންގެއް ކަނޑައެޅުމުގެ މަރުހަލާތަކެއްވާ ކަމަށެވެ. އެގޮތުން:
- ކޮމިޝަނަރ އޮފް ޕޮލިސް އެންޑޯސް ކުރެއްވުމަށްފަހު، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ގޭންގު ކަނޑައެޅުމަށް ހުށަހެޅުން.
- ޕީޖީ އޮފީހުން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުން.
- ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު ގޭންގެއް ކަނޑައެޅުން.
ސުޕްރިންޓެންޑެންޓް އިސްހާގު އާދަމް ވިދާޅުވީ، ގޭންގެއް ކަނޑައެޅުމަށްޓަކައި މިހާރު އެއް މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށާއި، އެ މަސައްކަތުގައި ޕީޖީ އޮފީހުން ދެއްވާ ލަފާތައް މިހާރު ގަބޫލުކޮށް ކުރިއަށް ގެންދާ ކަމަށެވެ. އަދި އަތޮޅުތެރެއިންވެސް ގޭންގެއް ކަނޑައެޅުމަށް ޝަރުތު ހަމަވާ ފަރާތްތަކަކީ ކޮބައިތޯ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގޭންގު ކުށްތަކުގެ ޤާނޫނުގެ ދަށުން ދެވޭ އަދަބުތައް
ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕުތަކަށް ވަރަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ.
- އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުން ނުވަތަ ހިންގުން: 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ.
- އެފަދަ ކުށެއް ކުރަން އުޅުން ނުވަތަ އެހީތެރިވުން: 18 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ.
- އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުން (ރެކްރޫޓްކުރުން):
- ކުޑަކުއްޖަކު ޝިކާރައަކަށްވެއްޖެނަމަ: 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ.
- ކުޑަކުއްޖަކު ނޫން މީހަކު ރެކްރޫޓް ކުރަން އުޅެފިނަމަ: 20 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއާއި 7 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ.
- އެހެނިހެން ކުށްތައް: ރެކްރޫޓް ކުރުމުގައި ގްރޫޕުތަކަށް އެހީވުން، އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕެއްގައި ބައިވެރިވުން، ކުށް ކުރުމަށް އަމިއްލަ ތަންތަން ބޭނުން ކުރުން، އަދި ހެކިބަސް ދޭ ފަރާތްތަކަށް ބިރު ދެއްކުން ފަދަ ކުށްތަކަށްވެސް ޖަލު ހުކުމާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި، މިހާރު އެ ޚިދުމަތުން ކުރަމުން އަންނަ މަސައްކަތުން “ހޮޓް ސްޕޮޓްސް” ގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަންތަނުގައި ކުޑަކުދިން ހަރަކާތްތެރިވާކަން ވަނީ ފާހަގަކުރެވިފައެވެ. ގޭންގު ކުށްތަކުގެ ބިރުވެރިކަމުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި، މި ޤާނޫނުގެ ދަށުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

