ހއ. މުރައިދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީ އިން މައުލޫމާތު ދެއްވާ ގޮތުގައި، މުރައިދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ބާ ބެންޑިންގ މަސައްކަތާއި ކޮންކްރީޓް ކުރުމުގެ މަސައްކަތްތަކެވެ. މީގެ އިތުރުން، އިމާރާތުގެ ޝަޓަރިންގ މަސައްކަތްތައް މިހާރު އެއްކޮށް ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި އިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މުރައިދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ އިޙްސާން އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ. އެގޮތުން، 17 ނޮވެމްބަރު 2023 ގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ 72 ރަށެއްގައި ފުލުހުންގެ ޚިދުމަތް އެއްވެސް މިންވަރަކަށް ގާއިމުވެފައެއް ނުވެއެވެ.
ނަމަވެސް، ސަރުކާރުގެ މި ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެފަދަ ގިނަ ރަށްތަކެއްގައި ފުލުހުންގެ ޚިދުމަތް މިހާރު ވަނީ އަލަށް ގާއިމުކޮށްފައެވެ. މުރައިދޫގައި އިމާރާތްކުރާ މި މަރުކަޒަކީ އެ ރަށުގެ އަމާންކަން ދަމަހައްޓައި، ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ގާތުން ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

