ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކޮށް އަދި ބޭނުންކުރާ ކަމުގެ ތުހުމަތުގައި މާލެއިން ހަ ބިދޭސީއަކު ހައްޔަރުކޮށް، ރާއްޖެއިން ފޮނުވާލުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގު އެންފޯސްމަންޓް ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި މާލޭގެ މާފަންނުގައި ހުންނަ ކެފޭއަކާއި ގެއެއް ބަލައިފާސްކޮށްފައިވެއެވެ. އެ ތަންތަން ބަލައިފާސްކުރުމުގެ ތެރެއިން ބަނގުރާ ކަމަށް ބެލެވޭ އެއްޗެހި އަޅާފައި ހުރި 500 އެމްއެލްގެ 21 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހައްޔަރުކުރި މީހުންގެ ތަފްސީލް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ ފަސް ފިރިހެނުންނާއި އަންހެނެކެވެ. ފުލުހުން ވަނީ އެ މީހުންގެ ވަނަވަރު އާންމުކޮށްފައެވެ. އެއީ:
- ޗައުދަރީ ސްރެންދްރަ (43އ)
- ސުގަންދަ ކުމާރު ޗައުދަރީ (28އ)
- ޗައުދަރީ (24އ)
- މަކަރް ބަހާދުރް ޓަމަން (27އ)
- ބިޝްވަނާތް ޗައުދަރީ (37އ)
- ރަމްރި މާޔާ ވައިބާ (27އ)
ފުލުހުން ވިދާޅުވީ، މި ހަ މީހުންނަކީ ވެސް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބައެއް ކަމަށް ބެލެވޭތީ އާއި، މިފަދަ ކުށްތަކަށް އަރައިގަންނާތީ، އެ މީހުން ޑީޕޯޓުކުރުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށާއި، މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން އަންނަނީ މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަންތަކެއް ސިލްސިލާކޮށް ހިންގަމުންނެވެ.

