ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން ރަސްމީކޮށް ނިންމަވައިފިއެވެ. މި ޤަރާރަކީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމާބެހޭ ޤަރާރަށް ގެނެވުނު އިސްލާހެކެވެ.
ރައީސުލްޖުމްހޫރިއްޔާ މި އިސްލާހު ގެންނެވި ސަބަބެއް ކަމަށް ބަޔާންކުރައްވާފައިވަނީ، އަންނަ އަހަރުގެ އޭޕްރިލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ތާރީޚަކީ ހިރިމަރަދޫގެ ރަށްވެހިން ހަނިމާދޫއަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ މަރުޙަލާގެ ތެރޭގައި ހިމެނޭ ތާރީޚަކަށްވުމެވެ. އެހެންކަމުން، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 8 ވަނަ މާއްދާގެ (އ) ގައިވާ ގޮތުން، ހިރިމަރަދޫގެ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅުގެ ހަނިމާދޫ ކަމުގައި ބެލުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި މި ޤަރާރު އިސްލާހުކުރެއްވީއެވެ.
މި އިޞްލާޙާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމުން، ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫން ކަމަށް ކަނޑައެޅުއްވުމަށް ވަނީ ނިންމަވާފައެވެ. މިއާއެކު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު އަދާހަމަކޮށް، ޤަރާރުގެ ޖަދުވަލެއްގެ ގޮތުގައި އެލިސްޓު ވަނީ ހިމަނުއްވާފައެވެ. މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާއެކު، އެކަން ސަރުކާރުން ޢާންމުކޮށް އިޢުލާން ކުރާ ތާރީޚުން ފެށިގެންނެވެ.
ހިރިމަރަދޫ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށާއި، އެރަށު ހުރިހާ ރައްޔިތުންނަށް އެކަށިގެންވާ ގެދޮރާއި ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް، އެރަށު ރައްޔިތުން ހަނިމާދޫއަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމެވިކަން، މިދިޔަ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ހިރިމަރަދޫ ރައްޔިތުންނާ ބައްދަލު ކުރެއްވި ޖަލްސާގައި ވަނީ އިޢުލާނުކުރައްވާފައެވެ. މި ނިންމެވުން އައިސްފައިވަނީ، ހިރިމަރަދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ކަމަށް ސަރުކާރުގައި އެދުމުންނެވެ.
އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި ހިރިމަރަދޫން ހަނިމާދޫއަށް ބަދަލުވާ ރައްޔިތުންގެ ތެރެއިން މިހާރު ގޯތި ގެދޮރު ހުރި ކޮންމެ ރައްޔިތަކަށް ހަނިމާދޫއަށް އަލަށް ބަދަލުވާ ސަރަޙައްދުން ގެ ލިބޭނެއެވެ. އަދި މިހާރު ގޯތި އޮވެ، އިމާރާތެއް ނެތް ކޮންމެ ރައްޔިތަކަށްވެސް ގެ ލިބޭނެކަން އެ ވުޒާރާއިން ކަށަވަރުކޮށްދެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ހިރިމަރަދޫން ހަނިމާދޫއަށް ބަދަލުވާ އެއްވެސް ރައްޔިތަކަށް ގެދޮރު ނެތި ނުތިބޭނެކަމުގެ ޔަގީންކަން ވުޒާރާއިން ދެއްވައެވެ.

