މީސްމީޑިއާ މަންސައެއް ކަމަށްވާ ޓިކްޓޮކް ލައިވެއްގެ ތެރެއިން ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް މިއަދު ހާމަކޮށްފިއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ އަންހެނަކު އޭނާގެ ދަރިފުޅަށް އަނިޔާކުރާ އަޑު އިވޭ އޯޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެންނެވެ.
ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝަރީފު ވިދާޅުވީ، އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އިންޓެލިޖެންސުން ލިބުނު މައުލޫމާތަށް ބަލާއިރު، އެކަން ހިނގާފައިވަނީ މާލޭ ރީޖަންގައި ހިމެނޭ ރަށެއްގައި ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެ މައުލޫމާތު ލިބުމާއެކު ފުލުހުން އެކަމަށް އެޓެންޑްވެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށާއި، މިހާރު ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. “މާލޭ ރީޖަން ހިމެނޭ ރަށެއްގައި ހިނގާދިޔަ ކަމެއް ކަމަށް އަޅުގަނޑުމެންނަށް އިންޓެލިޖެންސުން މައުލޫމާތުތަކެއް ލިބުމާ ގުޅިގެން އެކަމަށް އެޓެންޑް ވެގެން އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން މިހާރު އެބަ ގެންދޭ،” ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ މި މައްސަލައަކީ ތަހުގީގު ކުރެވެމުންދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލް ދެވެން ނެތް ނަމަވެސް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ޓިކްޓޮކް ލައިވްގައި އެ އަންހެން މީހާ ހުރީ ވީޑިއޯ ނުޖައްސައި ކަމަށްވީ ނަމަވެސް، އޯޑިއޯ ޖައްސައިގެން ހުރުމުން ކުއްޖާއަށް އަނިޔާކުރާ އަޑު ވަނީ ސާފުކޮށް އިވިފައެވެ.
ފުލުހުން ވަނީ ޓިކްޓޮކް ފަދަ މީސްމީޑިއާ މަންސަތައް ބޭނުންކުރާ ފަރާތްތަކުން ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ނޭނގުމުގެ ތެރޭގައިވެސް ކުޑަކުދިންގެ ފޮޓޯތައް ހިއްސާ ނުކުރުމަށާއި، އެފަދަ ކަމެއް ފާހަގަވެއްޖެނަމަ ވަގުތުން ފުލުހުންނަށް ރިޕޯޓް ކުރުމަށް ވެސް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.

