ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ މީޑިއާ ވިލެޖް އެޅުމުގެ މަސައްކަތުގެ 70 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު، އިބްރާހިމް ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މީޑިއާ ވިލެޖްގެ މަސައްކަތް ކުރިއަށްދާ ގޮތް ކޮންމެ ދުވަހަކުވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި އެތަނުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީޑިއާ ވިލެޖް ތަރައްގީ ކުރަމުންދަނީ ހުޅުމާލޭ ފޭސް އެކެއްގައި ހުރި ކުރީގެ އެސްޓީއޯ ހޮޓާ އިމާރާތުގައެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެޗްޑީސީން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ. ވަޒީރު ވިދާޅުވީ، މީޑިއާ ވިލެޖް ނިމުމުން މީޑިއާތަކަށް ވަރަށް ލުއި ފަސޭހަ ގޮތަކަށް އެތަނުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށެވެ.
“އަޅުގަނޑުމެން އޭގެ ވެސް ހަމަ ކޮންމެ ދުވަހަކު ވެސް އަޕްޑޭޓް ނަގަމުން މިދަނީ އެޗްޑީސީ މެދުވެރިކޮށް. މިހާރު އެތަނުގަ މިދަންނަވާހެން ބޮޑުބައި ނިމިއްޖެ، އެއީ ކުރީގެ އެސްޓީއޯ ހޮޓާ ހުރިތަން. ނިމޭވަރަކުން މީޑީއާތަކަށް ވަރަށް ލުއި ފަސޭހަ ގޮތަކަށް އެތަނުގެ އިންތިޒާމުތައް ހަމަޖެހޭ ގޮތަށް ކުރިއަށް ގެންދާނަން،” ވަޒީރު ވިދާޅުވިއެވެ.
މީޑިއާ ވިލެޖް ހަދާ އިމާރާތަކީ 2007 ވަނަ އަހަރު އެސްޓީއޯއިން ހޮޓަލެއް ތަރައްގީ ކުރުމަށް ފެށި މަސައްކަތެކެވެ. 34 މިލިއަން ޑޮލަރު ހަރަދުކޮށްގެން “ރެޑިސަން ބްލޫ ހޮޓެލް”ގެ ނަމުގައި 250 ކޮޓަރިއާއެކު ތަރައްގީ ކުރަން ފެށި މި އިމާރާތުގެ މަސައްކަތް އެކި ސަބަބުތަކާ ހުރެ ވަނީ މެދުކެނޑިފައެވެ. އަދި 2018 ވަނަ އަހަރު އެސްޓީއޯއިން އެ ތަން ވިއްކާލަންވެސް ނިންމިއެވެ.
ވޭތުވެދިޔަ 17 އަހަރު ވަންދެން ބޭނުން ނުކޮށް ހަލާކުވާން ދޫކޮށްލާފައި އޮތް މި ބޮޑު އިމާރާތް، މީޑިއާ ވިލެޖެއްގެ ގޮތުގައި ބޭނުން ކުރެއްވުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މިއީ އެސްޓީއޯގެ ވިޝަންއާ ނުގުޅޭ ވިޔަފާރިތައް ހުއްޓާލުމަށް އެ ކުންފުނިން ނިންމުމާ ގުޅިގެން، ދައުލަތުގެ މުދަލެއް ބޭކާރުވިޔަ ނުދީ ބޭނުންތެރި ކަމަކަށް ބަދަލުކުރުމަށް އެޅުއްވި ފިޔަވަޅެކެވެ.

