މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް، ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ.
މީޑިއާތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ޝަރުތު ހަމަވާ 41 މީޑިއާ ހިމެނޭ ލިސްޓެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިހާރު ކަނޑައަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިބްރާހިމް ވަހީދު ފާހަގަކުރެއްވި ގޮތުގައި މިވަގުތު ވުޒާރާއަށް ލިބިފައި އޮތީ މީޑިއާތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓެކެވެ. ނަމަވެސް މިކަން އެކަށީގެންވާ ގޮތެއްގައި ކުރުމަށް، އިތުރު މަޢުލޫމާތަށް މިހާރު ކޮމިޝަނުގެ ފަރާތުން އެދިފައިވާ ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑު އެބޭފުޅުންނަށް ދަންނަވައިފިން ޕޮއިންޓުގެ އަދަދުގެ އިތުރަށް ކޮންމެ މީޑިއާކަށް ފައިސާ ލިބޭ އަދަދު ސާފުވާ ގޮތަށް ސިޓީއެއް ފޮނުވާ ދިނުމަށް. މިއީ ރައީސްގެ ވަޢުދަކަށް ވެފައި މިކަމުގެ ފުރިހަމަ ތަފްސީލް ދެފުށް ފެންނަ ގޮތަށް ތިބޭފުޅުންނަށް ލިބެން ޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި މަސައްކަތް ފެށިއިރު ކުރަމުންދިޔައީ އެވުޒާރާގެ ފަރާތުން ކަމަށެވެ. ނަމަވެސް ވުޒާރާގެ ފަރާތުން މި މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް މީޑިއާތަކުން ފާހަގަކޮށްފައިވާތީ، އެކަން ޤަބޫލުކުރައްވައި މިމަސައްކަތް މީޑިއާ ކޮމިޝަނާއި ހަވާލުކުރެއްވީ ކަމަށެވެ. އެގޮތުން، މީޑިއާ ކޮމިޝަނުން މިކަމަށް ބޭނުންވާ އުސޫލު ޤާއިމްކުރުމާއި، މީޑިއާތަކާއި ބައްދަލުކުރުމާއި، މައުލޫމާތު އެއްކުރުމާއި، މިކަން ކުރުމަށް ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރިކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތުގައި ވުޒާރާގެ ދައުރަކީ މިހާރު މެދުވެރިއެއްގެ ދައުރުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ވުޒާރާއިން މިހާރު ކުރަމުންދާ މަސައްކަތަކީ، ކޮމިޝަނުން ތަފްސީލްތައް ލިބުމާއެކު، މީޑިއާތަކަށް ފައިސާ ދިނުމަށް މާލީ ވުޒާރާއަށް ފޮނުވުން ކަމަށެވެ.
“އަޅުގަނޑުމެން އެ ފޮނުވަނީ އެއްވެސް އުނިއިތުރު ކުރުމަކާއި ނުލައި. އަޅުގަނޑުމެންގެ އެއްވެސް ދައުރެއް ނޯންނާނެ. ސަރުކާރުގެ އެއްވެސް ދައުރެއް ނޯންނާނެ އެކަމުގައި. އަޅުގަނޑުމެން މާލީ ވުޒާރާއަށް ފޮނުވަނީ، މީޑިއާ ކޮމިޝަނުގެ ނިންމުން ތަންފީޒު ކޮށްދިނުމަށް އެދި. އެބޭފުޅުން މިއަދު ފޮނުވާފިއްޔާ މިއަދުވެސް އަޅުގަނޑު ފިނޭންސަށް ފޮނުވާނަން.” ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، މީޑިއާތައް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މިކަމަށްޓަކައި މިއަހަރުގެ ދައުލަތުގެ ބަޖެޓުން 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ މީޑިއާތަކަށް ދިނުމަށް ވަނީ ނިންމާފައެވެ.

