ށ. ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް ނިމި، މިރޭ ޓެސްޓް ފްލައިޓު ޖެއްސުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. މިއީ އެ އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުނަދޫގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، އެއަރޕޯޓުގައި ރޭގަނޑު ފްލައިޓު ޖެއްސުމަށް ބޭނުންވާ ލައިޓުތައް ހަރުކޮށް މިހާރު ނިމިފައިވާ ކަމަށެވެ. މިރޭ ބާއްވާ ޓެސްޓް ފްލައިޓަކީ ސިވިލް އެވިއޭޝަން އޮތޯރިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ކުރިއަށްގެންދާ ދަތުރެކެވެ.
މިއަހަރުގެ އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ ފުނަދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ މިއަހަރު ނިމުމުގެ ކުރިން އެ އެއަރޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސުމުގެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު އޭރު ވިދާޅުވެފައިވަނީ، “އެއަރޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސުމަށްޓަކައި ބޭނުންވާ ލައިޓު ހަރުކުރުމުގެ މަސައްކަތް މިއަހަރު ނިމެންވާއިރަށް ހަރުކޮށްދޭނެކަމުގެ ޔަގީންކަން އަޅުގަނޑުދެން” މިފަދައިންނެވެ.
ފުނަދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ރޭގަނޑު ދަތުރުތަކަށް ބޭނުންވާ ލައިޓުތައް ހަރުކުރުމުގެ އިތުރުން، ޒަމާނީ ފެންވަރުގެ ލައުންޖަކާއި ރެސްޓޯރެންޓެއް ހެދުމާއި، ޓަރމިނަލްގެ ފެންވަރު މަތިކުރުމަށްޓަކައި އިތުރު ބެލްޓުތައް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
2020 ވަނަ އަހަރު ހުޅުވި ފުނަދޫ އެއަރޕޯޓަކީ މިވަގުތު ށ. އަތޮޅުގައި އޮތް ހަމައެކަނި އެއަރޕޯޓެވެ. މި އެއަރޕޯޓުގައި އޮންނަނީ 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެކެވެ. މި މަޝްރޫޢު ނިމުމާއެކު، އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ބޮޑުވެ، އިޤްތިޞާދީ ގޮތުންވެސް ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

